ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފި

އަހުމަދު އައުފް އަބްދުލް ސަމަދު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ރޭ 12:30 އެހާކަންހާއިރު ރިޕޯޓްކުރި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްގެ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނެނީ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅު އަދި ވ އަތޮޅެވެ.

ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންގެންދާ މައްސަލަތަކެއް ކަމުން އެ ކުދިންގެ މައުލޫމާތު ރައްކާތެރި ކުރުމުގެ ގޮތުން އެކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ. އަދި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ މައްސަލަތައް މިފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި މިފަދަ އަަމަލުތަކުގައި ބިދޭސީން ޝާމިލްވާ މިންވަރު ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.