މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްޓީސީސީގެ ފަރާތުން "ޑިސްކަވާ އެމްޓީސީސީ" ގެ ނަމުގައި ޕްރޮގުރާމެއް ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ފެށި "ޑިސްކަވާ އެމްޓީސީސީ" ޕްރޮގްރާމަކީ، ކުންފުނީގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތު މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ހިއްސާކުރުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ދަރިވަރުން، ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޕްރޮޖެކްޓް ސައިޓަށް މިއަދު ޒިޔާރަތްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ޔުނިވާސިޓީގެ ދަރިވަރުންގެ މި ޒިޔާރަތުގައި އެމަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި، މަޝްރޫއާ ބެހޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި މިޒިޔާރަތުގައި ޔުނިވާސީޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ، އިންޖިނިއަރިން ޑިޕާޓްމަންޓުގެ 25 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ މައުލޫމާތު މުއްސަނދިކޮށް، އެ މައުލޫމާތު ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަކީ މިޕްރޮގްރާމްގެ އަމާޒެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ދަރިވަރުން ތައުލީމު ހާސިލުކުރާ ދާއިރާތަކާ ގުޅުން ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުވެސް މިޕްރޮގްރާމްގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.