ޚަބަރު

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ: ކުއްޖާގެ ބައްޕަގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މަރިޔަމް ޝަހުދާ

3

ގއ. ކަނޑުހުޅުދޫގައި ދެއަހަރު ނުފުރޭ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އެކުއްޖާގެ ބައްޕަގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މައުލޫމަތު ދިން ގޮތުގައި އެ ކުއްޖާގެ ބައްޕަޔަށް ދައުވާ ކުރަން ނިންމާފައިވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން ގާނޫނުގެ 414 މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށްވެ ހުރެ، އެ ގާނޫނުގެ 130 ވަނަ ބާބުގައި އޮތް ކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދައުވާ ކުއްޖާގެ ބައްޕައަށް ކުރާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި ދައުވާތައް ކުއްޖާގެ ބައްޕަގެ މައްޗައް އުފުލުމަށް ކޯޓަށް ފޮނުވާފައި ވަނީ ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅައި ނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އުމުރުން ދެ އަހަރު ނުފުރޭ އަންހެން ކުއްޖާގެ ބައްޕައަށް ދައުވާ ކުރުމަށް ޕީޖީއަށް ފުލުހުން މައްސަލަ ފޮނުވާފައިވަނީ މިމަހު 18ގައެވެ. އޭގެ ފަހުން ޕީޖީން ވަނީ އެކުއްޖާގެ ކާފައާއި މުނިކާފައަށް ދައުވާ ކުރަން ނިންމައި އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މި ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟