ޚަބަރު

ހިތަދޫ އާއި ހުޅުދޫން ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތައް ލިސްޓުން އުނިކުރަނީ

މަރިޔަމް ޝަހުދާ

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފުލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތައް ލިސްޓުން އުނިކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތައް ލިސްޓުން އުނިކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި، އެކަން އިއުލާނުކޮށްފައިވަނީ ގެޒެޓުގައި ޝާއިރު ކުރި އިއުލާނެއްގައެވެ. އެގޮތުން މިހާތަނަށް އެއްވެސް ފަރާތެއް ލިސްޓުން އުނިކޮށްފައިނުވާ ކަމަށް މި އިއުލާނުގައި ވެއެވެ. ނަމަވެސް އަންނަ މަހުގެ 15ގެ ކުރިން ފުލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލުން އިއުލާނުކޮށްފައިވާ ގޮތުގައި ދީފައިވާ މުއްދަތުގެ ތެރޭގައި ފުލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކުގެ ފުލެޓް ކެންސަލްކޮށް އެ ފަރާތްތައް ލިސްޓުން އުނި ކުރާނެއެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫ ފުލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއި ނުކުރާ މައްސަލައާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކުން ވަކި މުއްދަތެއްގެ ތެރޭ އެކަން ކުރުމަށް ކަނޑައެޅީ ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމުމުގެ ގޮތުން ކަމަށެވެ.

ޝާމިން ވިދާޅުވީ ފުލެޓް ލިބުނު ފަރާތްތަކާ ފުލެޓް ހަވާލުކޮށް، ހުރިހާ މަސައްކަތެއް ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރާތާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ. އެގޮތުން ފުލެޓްތައް ލިބިފައިވާ ބައެއް ފަރާތްތަކާ އެއްވެސް ގޮތަކަށް ގުޅޭގޮތް ނުވެފައިވާކަން ޝާމިން ފާހަގަކުރެއްވިއެވެ. ބައެއް ފަރާތްތަކުން އެކި ފަހަރު މަތިން މަސައްކަތްކޮށްގެން ވެސް ސޮއިކުރަން ބޭނުންނުވާ ކަމަށް ބުނާ ކަމަށާއި އަދި ލިޔުމުން އަމިއްލައަށް ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތައް ތިބި ކަމަށް ވެސް ޝާމިން ވިދާޅުވިއެވެ.

މި ހުރިހާ ބޭފުޅުންނާއެކު އެއްބަސްވުމުގައި ސޮއި ނުކޮށް ތިބީ 10-12 ވަރަކަށް މީހުން ކަމަށާއި އަދި ސޮއި ނުކުރާ ފަރާތްތަކަށް އަދިވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު އޮތް ކަމަށް ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ ދީފައިވާ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތައް ލިސްޓުން އުނިކުރުމަށްފަހު ދެން އަމަލުކުރާނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީން އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ޝާމިން ވިދާޅުވިއެވެ. އަދި މިކަމުގައި ގޮތް ނިންމާނީ ކައުންސިލުން ކަމަށް ޝާމިން ފާހަގަކުރެއްވިއެވެ.

ސަރުކާރުން އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފުލެޓްތައް ލިބުނު ފަރާތްތަކުގެ ދައިމީ ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.