މެންޗެސްޓާ ސިޓީ

ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭ ގޮތަށް ސިޓީ ސަސްޕެންޑްކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭ ގޮތަށް ދެ ސީޒަނަށް މެންޗެސްޓާ ސިޓީ ސަސްޕެންޑުކުރުމުން އެކްލަބުން އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅައިފިއެވެ.

ޔޫއެފާގެ އެ ނިންމުމާ ގުޅިގެން ސިޓީން މައްސަލަ އިސްތިއުނާފަށް ހުށަހެޅިކަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ސީއޭއެސް އިން ނެރުނު ބަޔާނެއްގައި ބުނީ ޔޫއެފާއާ ދެކޮޅަށް ސިޓީން ހުށަހެޅި މައްސަލަ ރަޖިސްޓާކޮށް، މިހާރު ފައިލުކޮށްފައިވާ ކަމަށާއި އެ މައްސަލައަކީ ކުރިއަށްއޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑުކޮށް، އެކްލަބު 30 މިލިއަން ޔޫރޯއިން ޖޫރިމަނާކުރަން ޔޫއެފާގެ ކްލަބު ފައިނޭންޝަލް ކޮންޓްރޯލް ބޮޑީ (ސީއެފްސީބީ) އިން މިމަހުގެ 14ގައި ނިންމި ނިންމުމާ ގުޅިގެން ހުށަހެޅި މައްސަލައެއް ކަމަށެވެ.

ޔޫއެފާ އިން ސިޓީ ސަސްޕެންޑުކުރި ނަމަވެސް މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެކްލަބަށް ވާދަކުރެވޭނެއެވެ. އެކްލަބަށް ވާދަނުކުރެވޭނީ ކުރިއަށް އޮތް ދެ ސީޒަނުގައެވެ.

ޔޫއެފާ އިން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ސަސްޕެންޑުކޮށްފައިވަނީ އެކްލަބުން ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދާ ހިލާފުވުމުގެ ސަބަބުންނެވެ. ޔޫއެފާ ކްލަބު ފައިނޭންޝަލް ކޮންޓްރޯލް ބޮޑީ (ސީއެފްސީބީ)ގެ އެޑްޖުޑިކޭޓަރީ ޗޭމްބަރުން ކުރި ތަހުގީގަށްފަހު ނިންމާފައިވަނީ 2012 އިން ފެށިގެން 2016 އަށް ސިޓީން ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދާ ހިލާފުވެފައިވާ ކަމަށެވެ.

އެ ތަހުގީގުތައް ފަށާފައިވަނީ 2018ގެ ނޮވެމްބަރު މަހު ޖަރުމަނުގެ މެގަޒިން، "ޑާ ސްޕިއެގެލް" އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނާގޮތުން ސިޓީން ވަނީ ޔޫއެފާގެ އޮފިޝަލުންތަކަކަށް ރިޝްވަތުދީފައެވެ.

ޔޫއެފާ އިން ސިޓީ ސަސްޕެންޑުކުރުމާއެކު އެކްލަބުން ވަނީ އެއްވެސް ކަމެއް ގަވައިދާ ހިލާފަށް ކޮށްފައިނުވާނެ ކަމަށް ބުނެ، ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ތަހުގީގު ފެށުމުގެ ކުރިން ވެސް ޔޫއެފާ އިން ވަނީ ސިޓީ ސަސްޕެންޑްކުރުމަށް ނިންމައިފައެވެ.