ޚަބަރު

ޗައިނާގައި ބާކީ ތިބި ދެ ދިވެހީން ވެސް އިންޑިއާއަށް ގެންގޮސް ކަރަންޓީނު ކުރުމުން، ޝާހިދުގެ ޝުކުރު މޯދީއަށް

އައިދާ އަބްދުލް ހަކީމް

8

ކޮރޯނާ ވައިރަސް ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީގައި ބާކީ ތިބި ދެ ދިވެހިން އެ ސިޓީން ނެރެ އިންޑިއާގެ ދިއްލީގައި ކަރަންޓީނު ކުރުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަޝެންކަރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޫހާންގައި ބާކީ ތިބި ދެ ދިވެހިން، އެ ސިޓީއަށް ދިޔަ އިންޑިއާގެ އެއާފޯސް (އައިއޭއެފް)ގެ ފްލައިޓެއްގައި މިހާރު އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން އަނބުރާ ރާއްޖެ އަންނާނީ، ކަރަންޓީނުގެ މުއްދަތު ނިމުމުން ކަމަށް ވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

"އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަޝެންކަރަށް އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މިކަމުގައި އެހީވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވިއެވެ.

ވުހާންގައި ކޮރޯނާ ވައިރަސް ފެތުރެން ފެށި އިރު ނުވަ ދިވެހިން އެ ސިޓީގައި ދިރިއުޅެމުންދިޔައެވެ. އޭގެތެރެއިން ދެ ދިވެއްސަކު ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށް ސަކާރުން އޭރުވަނީ ބުނެފައެވެ. އެހެންވެ، ވޫހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ސިޓީން ނެރުނު އިރު، އިވެކުއޭޓްކޮށް ދިއްލީއަށް ގެންދިޔައީ ހަތް ދިވެހިންނެވެ.

ވޫހާން ސިޓީން ކުރިން ނެރުނު ހަތް ދިވެހިން، އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟