ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފްރާންސްގެ ލިޔޯނުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ގަދަ 16ގެ ފުރަތަމަ ލެގު މެޗުގައި ލިޔޯން އަތުން ޔުވެންޓަސް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.
އެ މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ޔުވެންޓަސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ނަގައިދިން ނުރައްކާތެރި ހުރަސް، ލިޔޯންގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުއާން ކުއަޑްރާޑޯގެ ފައިގައި ލައްވާލައިފައެއް ނުވެއެވެ.
އެ މެޗުގެ 22 ވަނަ މިނެޓުގައި ލިޔޯންގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހޫސެމް އައުއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓޮކޯ އެކަމްބީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޔުވެންޓަސްގެ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ލިޔޯނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އައުއާ ދިން ބޯޅައަކުން ލިޔޯނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު ލޫކަސް ޓޫސާޓްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިޔޯން ކުރީގައި އޮވެގެންނެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ޔުވެންޓަސްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެލެކްސް ސަންޑްރޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕައޮލޯ ޑިބާލާ ފޮނުވާލި ހަމަލާ ދިޔައީ ލިޔޯނުގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވެސް ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑިބާލާ ދިން ބޯޅައަކުން ގޮންޒާލޯ ހިގުއައިން ފޮނުވާލި އެ ހަމަލާ، ލިޔޯންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗުގައި ލިޔޯންއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ 17ގައެވެ.