ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މެންޗެސްޓާ ސިޓީން ފަހަތުން އަރައި ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު ގަދަ 16ގެ ފުރަތަމަ ލެގު މެޗުގައި ރެއާލް އަތުން ސިޓީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗު ނިމެނިކޮށް ރެފްރީ ވަނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމާސްއަށް ރަތް ކާޑެއް ވެސް ދައްކައިފައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ގެބްރިއަލް ޖެސޫސް ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ރެއާލުގެ ކީޕަރު ތިބޯޓް ކޯޓުވާއެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ރެއާލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފާލޭންޑް މެންޑީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކަރިމް ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާ، ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ކަސަމީރޯއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ސިޓީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސިޓީއަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖުސުސް ފޮނުވާލި ބޯޅަ ރާމޯސްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދަނިކޮށް، އެ ބޯޅަ ދިފާއުކުރީ ކަސެމީރޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ މެޗުގެ 60 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސިޓީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ވިނިޝިއަސް ޖޫނިއާ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު އިސްކޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޑިބްރޭނާ ނަގައިދިން ހުރަހަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖެސުސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
އެ މެޗުގެ 83 ވަނަ މިނެޓުގައި ސިޓީއަށް ޑިބްރޭނާ ލީޑު ހޯދައިދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ސިޓީއަށް އެ ޕެނަލްޓީ ލިބުނީ ރެއާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ރަހީމް ސްޓާލިންއަށް ޑެނިއެލް ކާވެހާލް ކުރި ފައުލަކާ ގުޅިގެންނެވެ.
އެ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ރެއާލަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. ރެފްރީ އޭނާއަށް ރަތް ކާޑެއް ދައްކާފައިވަނީ ޖެސުސްއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗުގައި ރެއާލްއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ 17ގައެވެ.