ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރު އޯޑިއޯއެއް ލީކު ވެއްޖެއެވެ.
އެ އޯޑިއޯ ލީކު ކޮށްލާފައިވަނީ މީގެ ކުރިން ވެސް އަލީ ވަހީދު ކަމަށް ބުނާ މީހާގެ އޯޑިއޯތައް ލީކު ކޮށްލި ޓުވިޓާ އެކައުންޓުންނެވެ. މިރޭގެ މި އޯޑިއޯ ލީކުވުމުގެ ތިން ދުވަސް ކުރިން ވެސް އައިޝާ އާއި އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ލީކު ކޮށްލިއެވެ.
އެ އޯޑިއޯގައި ކުރިން ލީކު ކޮށްލި އަލީ ވަހީދު ކަމަށް ބުނާ މީހާގެ އޯޑިއޯއެއްގައި އައިޝާ ކަމަށް ބުނާ މީހާއާމެދު ދައްކާފައިވާ ދަށު ދަރަޖައިގެ ވާހަކަތަކަށް އައިޝާ ކަމަށް ބުނާ މީހާ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކާ އަޑުއިވެއެވެ. އަދި ކުރިން ލީކު ކޮށްލި އޯޑިއޯގައި ދައްކާފައިވަނީ އޭނާ އާއި އަލީ ވަހީދު ކަމަށް ބުނާ މީހާ ކަމަށް ވެސް އައިޝާ ކަމަށް ބުނާ މީހާ ބުނެއެވެ.
ނަމަވެސް އަލީ ވަހީދު ކަމަށް ބުނާ މީހާ، އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެ ދިފާއުގައި ވާހަކަދައްކާ އަޑުއިވެއެވެ.
މިރޭ ލީކު ކޮށްލާފައިވާ ދެ މިނެޓުގެ އޯޑިއޯގައި ވެސް ލީކުވެފައިވާ އޯޑިއޯއާ ގުޅިގެން އައިޝާ ކަމަށް ބުނާ މީހާ ހިތްހަމަނުޖެހުން ފާޅުކޮށް ދެ ފަރާތުން ދެ ފަރާތަށް ތުހުމަތުތަކެއްކޮށް، ފަހުން ޒުވާބު ކުރާ އަޑުއިވެއެވެ.
އެގޮތުން "... އަލީ ވަހީދު އިންވޯލްވާ ކަމެއްގައި އަލީ ވަހީދަށް ގުޅާފަ ދޯ އަޅުގަނޑު ދަންނަވާނީ.. ކަމޯން!" އަލީ ވަހީދު ކަމަށް ބުނާ މީހާއާ ދިމާލަށް އައީޝާ ކަމަށް ބުނާ މީހާ ބުނާ އަޑު އިވެއެވެ. ނަމަވެސް "އަޅުގަނޑަކީ މީހުންނަށް ގުޅައިގެން ފޯން ކޯލް ރިކޯޑު ކުރާނެ މީހެއް ނޫން،" ކަމަށާއި އެއީ ސިޔާސީ ބަޔަކު ކުރާ ކަމެއް ކަމަށް އަލީ ވަހީދު ކަމަށް ބުނާ މީހާ ބުނެއެވެ.
އަލީ ވަހީދު ކަމަށް ބުނާ މީހާ އެހެން ބުނުމުން އެކަމާ ރުޅިގަދަވެ، އޭނާއަށް ގުޅީ އަލީ ވަހީދު ކަމަށް ބުނާ މީހާ ކަމަށާއި އެހެންކަމުން އޭގައި އޭނާ ރިކޯޑް ކުރާނެ އެއްޗެއް ނޯންނާނެ ކަމަށް އައިޝާ ކަމަށް ބުނާ މީހާ ބުނެއެވެ.
ނަމަވެސް އެޔަށް ރައްދު ދެއްވަމުން އަލީ ވަހީދު ކަމަށް ބުނާ މީހާ، "އަޅުގަނޑަކީ ތިބޭފުޅާއަށް ގުޅާ ހަދާ މީހެއް ނޫން ކަމަށާއި ތިބޭފުޅާއާ ގާތް ރަހުމަތްތެރިކަމެއް ވެސް ބާއްވާ މީހެއް ނޫނޭ" ބުނާ އަޑު އިވެއެވެ. އަދި ނުކުރާ ކަންތައް ބޮލުގައި އަޅުވަން އުޅުނަސް އޭނާއަކީ މީހުންނާ ޖައްސާލައިގެން އުޅޭ މީހެއް ނޫން ކަމަށް ވެސް އަލީ ވަހީދު ކަމަށް ބުނާ މީހާ ބުނެއެވެ.
މިރޭގެ އޯޑިއޯ ޒުވާބަށްފަހު އައިޝާ ކަމަށް ބުނާ މީހާ "ރައްޓެއްސެއްގެ ފަރާތުން އަޅުގަނޑަށް އެބަ އަޑުއިވޭ ވީޑިއޯއެއްގެ ވާހަކަ" މިހެން ބުނާ އަޑުއިވެއެވެ.
ލެޓްސް ސީ އަނެއްކާ އިތުރަށް އަންނަނީ ކޮން އެއްޗެއްތޯ؟ އައި ހޯޕް ބޭކާރު އެއްޗެއް ނޯންނާނެ ކަމަށް!" އައިޝާ ކަމަށް ބުނާ މީހާ ބުނެއެވެ. ނަމަވެސް އަލީ ވަހީދު ކަމަށް ބުނާ މީހާ، އޭނާއަކީ "ތި ފާޑަށް އުޅޭ މީހެއް ނޫން" ކަމަށާއި އެހާ ދަށުދަރަޖައިގައި އުޅޭ މީހެއް ނޫން ކަމަށް ބުނާ އަޑު އިވެއެވެ.
ފަހުން އައިޝާ ކަމަށް ބުނާ މީހާ ގާސިމް ގުޅުއްވި ކަމަށާއި އަދި ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ގާސިމް އޭނާއަށް އިތުބާރުކުރާނެ ކަމަށް ބުނެއެވެ.
"އައްޔަ، ގާސިމް ގުޅުއްވިއޭ މިބުނީ. އަޅުގަނޑު އޭރު ބިޒީކޮށް އުޅުއްވީމަ ފޯނެއް ނުނަގަމާ. އަޅުގަނޑު ގުޅާލާފަ ވާހަކަ ދައްކާލާނަމޭ. އަޅުގަނޑަށް އިނގޭ އަދި ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ގާސިމް އިތުބާރުކުރާނެ އަޅުގަނޑާ. އަޅުގަނޑު ކުރާނެ ކަންތަކާއި ނުކުރާނެ ކަންތަކާ. އަޅުގަނޑު ބާއްވާނަން،" އައިޝާ ކަމަށް ބުނާ މީހާ ބުނާ އަޑު އިވެއެވެ.
އެހެން ބުނެފައި އައިޝާ ކަމަށް ބުނާ މީހާ، އަދިވެސް ބުނަން ބޭނުންވާ ވާހަކަ އެބަހުރި ކަމަށާއި ނަމަވެސް އެ ފޯން ކޯލް ރެކޯޑް ކުރާނެ ކަމެއް ނޭނގޭތީ އިތުރަށް ވާހަކަ ނުދައްކާނެ ކަމަށް ބުނެއެވެ.
އެ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ވަނީ ތަކުރާރުކޮށް އެއީ ސައްހަ އޯޑިއޯ ތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، އޯޑިއޯތަކަކީ ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށާއި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށެވެ.
މި އޯޑިއޯތަކުގެ މައްސަލަ ބޮޑުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައި ގޮވަމުންނެވެ. އަދި އަލީ ވަހީދު ކެބިނެޓުން ވަކި ކުރުމަށް، ރައީސް ސޯލިހަށް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.
ނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ. އަދި ފުލުހުން އެ އޯޑިއޯތަކުގައި ހިމެނޭ ޖިނާއީ ކަމެއް ބަލަމުންދާ ކަމަށް ބުނުން ފިޔަވައި އެކަމުގެ ތަފްސީލެއް ފަހުން ހިއްސާ ކޮށްފައެއް ނުވެއެވެ.