ޚަބަރު

އީރާނާއި ދެކުނު ކޮރެއާއަށް ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދަތުރު ނުކުރާން އިލްތިމާސްކޮށްފި

ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ އީރާނާއި ދެކުނު ކޮރެއާއަށް ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިވަގުތު އީރާންގައި ދިރިއުޅޭ އަދި އެގައުމަށް ޒިޔާރަތްކުރާ ދިވެހިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކޮރޯނާވައިރަހާ ގުޅިގެން ދެކުނު ކޮރެއާގައި މިވަގުތު ރެޑް އެލާޓް ނެރެފައިވުމާއެކު އެ އެލާޓް ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދިވެހިން އެގައުމަށް ދަތުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން މި ވަގުތު ދެކުނު ކޮރެއާގައި ދިރިއުޅޭ އަދި އެގައުމަށް ޒިޔާރަތްކުރާ ދިވެހީން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ނުވަތަ އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އޭގެ އިތުރުން ސައުތު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

އީރާނާއި ދެކުނު ކޮރެއާއަށް ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހި ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފައިވާއިރު، އެ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެ ދެ ގައުމުން ރާއްޖެ އަންނަ މީހުން އެތެރެވުން ސަރުކާރުން ވަނީ މިއަދުން ފެށިގެން މަނާކޮށްފައެވެ.