ޚަބަރު

އދ.ގެ އިންސާނީ ހައްގުތަކާބެހޭ އެންމެ އިސްވެރިޔާއާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު މިޝޭލް ބެޝެލޭއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު، ހައިކޮމިޝަނަރާ ބައްދަލުކުރެއްވީ މިއަދު ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިންސާނީ ހައްގުތައް ކަށަވަރުކޮށް، ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު އެކަމަނާއާ ހިއްސާކުރައްވައިފައެވެ. އަދި އެމަސައްކަތުގައި ހައިކޮމިޝަނަރާއި ހައިކޮމިޝަނަރުގެ އޮފީހުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަނާއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް އަރުވައިފައެވެ.

މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރާއްޖެއިން އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިސާލެއް ކަމަށް ހައިކޮމިޝަނަރު ވަނީ މިދިޔަ އަހަރު ޖެނީވާގައި ގިނަ ގައުމުތަކެއްގެ ދާއިމީ މަންދޫބުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނަރުގެ އިތުރުންވެސް އެހެން ބައެއް ބޭފުޅުންނާ ފޮރިން މިނިސްޓަރު ޝާހިދު ވަނީ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައްދަލު ކުރައްވައިފައެވެ.

އެގޮތުން ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް ބެރީ ފޯއާއި ޖޯޖިއާގެ ފޮރިން މިނިސްޓަރު ޑޭވިޑް ޒަލްކަލިއާނީ މިނިސްޓަރު ޝާހިދު ވަނީ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުންތަކުގައި އެގައުމުތަކާއި ރާއްޖެއާދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާބެހޭ ގޮތުން މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން މޮރޮކޯގެ މިނިސްޓަރު އޮފް ސްޓޭޓް އިން-ޗާޖް އޮފް ހިއުމަން ރައިޓްސް މުސްތަފާ ހާމިދާ ބައްދަލުކުރައްވައި، އިންސާނީ ހައްގުތަކުގެ ދާއިރާގައި ދެގައުމުގެ މެދުގައި ކުރެވެމުންދާ ފަންނީ އެއްބާރުލުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާބެހޭ ގޮތުން ހިޔާލު ބަދަލުކުރެއްވިއެވެ.