ޚަބަރު

"ވަޒީފާގެ މައިދާނުގައި ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް ފަހިކޮށްދޭންޖެހޭ"

އަހުމަދު އައުފް އަބްދުލް ސަމަދު

ވަޒީފާގެ މައިދާނުގައި އެ ކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް، ފަހިކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި ރ. އުނގޫފާރު ސްކޫލުގައި ކުރިއަށްގެންދާ "ހޭވައްލާ" ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އާއިލާއެއް އަދި މުޅި ގައުމުވެސް ކުރިއަރާނީ ކޮންމެ ކުއްޖަކީވެސް ގައުމަށް ބޭނުންތެރި އަދި އުފެއްދުންތެރި ފަރުދަކަށް ހެދިގެން ކަމަށެވެ. ކުރިއަރާފައިވާ ބައެއް ގައުމުތައް ކުރިއަރައިގެން ގޮސްފައިވަނީ ހުނަރުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ދީފައިވާ ސަމާލުކަމާއި އަހައްމިއްޔަތުގެ ސަބަބުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމެއްގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"ހޭވައްލާ" ޕްރޮގްރާމަކީ ސާނަވީ ތައުލީމު ނިންމައި މަތީ ސާނަވީ ތައުލީމު ފެށުމާ ދެމެދު ދަރިވަރުންނަށް ލިބޭ ވަގުތުގައި ދަރިވަރުންނަށް ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރޭގައި އިންޓާންޝިޕް ފުރުސަތުތަކާއި، އެހެނިހެން މަސައްކަތްތައް ދަސްކޮށްދިނުންވެސް ހިމެނެއެވެ. މިގޮތުން މިއަދު އުނގޫފާރުގައި ފަށާފައިވާ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުމަށެވެ.