ޚަބަރު

ގުރައިދޫ މަރުކަޒުގައި ހުރި އަންހެނަކު މަރުވެއްޖެ، މަރުވީ ސިއްހީ މައްސަލަތަކަށް ފަރުވާ ދެމުންދަނިކޮށް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދިޔަ އަންހެނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ ފާތިމަތު އަމާނީ ނަމަކަށް ކިޔާ 23 އަހަރުގެ އަންހެނެކެވެ. އަދި އޭނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައާވުން (އާސަހަރާ) މިސްކިތުގައި ވަނީ ކޮށްފައެވެ.

އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު "ވަން" އަށް ވިދާޅުވީ، ނިޔާވެފައިވަނީ ސިއްހީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށާއި އޭނާ ނިޔާވީ ސިއްހީ މައްސަލަތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދަނިކޮށް ކަމަށެވެ.

ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި އޭނާ ބަލަހައްޓަމުންދިޔައީ ކޮންކަހަލަ ސިއްހީ މައްސަލައެއް ހުރެގެން ކަމެއް އަދި އޭނާ ފަރުވާ ހޯދަމުންދިޔައީ ކޮން ކަހަލަ ސިއްހީ މައްސަލައެއް ހުރެގެން ކަމެއް ނޭނގެއެވެ.

މަރުވި ޒުވާނާއާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުންދަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އަނިޔާތަކަކާއެކު ދެ ފަހަރެއްގެ މަތިން އޭނާ އެޑްމިޓް ކުރި ކަމަށް ބުނެފައެވެ.

ނަމަވެސް އެ ވާހަކަތަކާއި ގުޅިގެން އިބްރާހިމް ވިދާޅުވީ، އެ މައުލޫމާތު ސާފުކޮށްލުމަށްފަހު ހިއްސާ ކޮށްދޭނެ ކަމަށެވެ.