ޚަބަރު

ބަނދަރުތައް ހެދުމަށް ރާއްޖެއަށް އެންމެ ކަމުދާނީ ފްލޯޓިން ކޮންސެޕްޓް: ނަޝީދު

އަހުމަދު އައުފް އަބްދުލް ސަމަދު

2

ރާއްޖޭގައި ބަނދަރުތައް ހެދުންފަދަ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތުން ތިމާވެއްޓަށް ބޮޑެތި ގެއްލުންވާ ކަމަށާއި ރާއްޖެއަށް އެންމެ ކަމުދާނީ ފްލޯޓިން ކޮންސެޕްޓް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ޗެއާކުރައްވާ ކޮރަލް އިންސްޓިޓިއުޓުން ކ. ތުލުސްދޫގައި ކުރިއަށް ގެންދިޔަ "ކޮރަލް ފެސްޓިވަލް"އާގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ފްލޯޓިން ކޮންސެޕްޓަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލީ ގޮތުން ތަޖުރިބާ ކޮށްފައިވާ ކޮންސެޕްޓެއް ކަމަށެވެ. އަދި ފެސްޓިވަލުގައި ބައިވެރިވި މާހިރުންގެ ނަޒަރުގައި ވެސް ރާއްޖެއަށް އެންމެ ކަމުދަނީ ފްލޯޓިން ބަނދަރުކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އެގޮތުން އެ ކޮންސެޕްޓަށް ބޭނުންވާ ޑިޒައިންތައް އެބަހުރިި ކަމަށާއި މަދު ވަނީ އިންޖިނިއަރިންގެ ބައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮރަލް ފެސްޓިވަލާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަރުތައް ދިރުވާ އާލާކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާނެ ގޮތްތަކާގުޅޭ ގޮތުން އެ ފެސްޓިވަލުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ފަރުތައް ދިރުވާ އާލާކުރުމުގެ މަސައްކަތް އެ އިންސްޓިޓިއުޓުން ފުޅާ ދާއިރާއެއްގައި ކުރާނެކަން ފާހަގަކުރައްވާ އެ މަސައްކަތުގައި ސައިންސްވެރިންގެ އިރުޝާދު ހޯދާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އިންޓަނޭޝަނަލް ފޯރަމް ތަކާއި ކޮންފަރެންސްތައް މެދުވެރިކޮށް ފަރުތަކުގެ ހާލަތު ދުނިޔޭގެ އެހެން ގައުމުތަކުގެ ސަމާލު ކަމަށް ގެނެވޭނެ ގޮތްތަކާމެދު ވެސް ފެސްޓިވަލުގައި މަޝްވަރާ ކުރެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފަރުތަކަށް އަންނަ ބަދަލުތައް ދެނެގަނެ މަޝްވަރާކުރުމަށް ކޮންމެ އަހަރަކު އެއްފަހަރު ކޮރަލް ފެސްޓިވަލެއް ބޭއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެނެޑާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ވިދާޅުވީ ރާއްޖެ އާއި ކެނެޑާގައި ވެސް މޫސުމުގެ ގޮތުން އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް ދުނިޔޭގެ ފަރުތަކުގެ ހާލަތު ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް އެންމެ އެކަށޭނަ ގައުމަކީ ރާއްޖެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟