ޚަބަރު

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ މޮބައިލް ލީގަލް އެއިޑް ކްލިނިކް މިފަހަރު ލ. ގަމުގައި

އައިދާ އަބްދުލް ހަކީމް

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ މޮބައިލް ލީގަލް އެއިޑް ކްލިނިކް މި ފަހަރު ލ. ގަމުގައި ބާއްވަން ހަމަޖައްސައިފިއެވެ.

ލޯ ސެންޓަރުން މޮބައިލް ލީގަލް އެއިޑް ކްލިނިކް ބާއްވާ މިއީ ހަވަނަ ފަހަރެވެ. ލޯ ސެންޓަރުން ބުނީ އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި، މުޖުތަމައުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އާންމު ރައްޔިތުން ގާނޫނީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން ބާއްވާ މި ކުލިނިކް ބާއްވަން ހަމަޖެހިފައިވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ.

ކަނޑައެޅޭ ދާއިރާތަކަކުން އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ގާނޫނީ ވަކީލުން މި ޕްރޮގްރާމުގައި ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އާންމު ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ ފަރާތްތަކަށް އެ ސެންޓަރުގެ ގާނޫނީ ވަކީލުން ގާނޫނީ ލަފާ ދިނުމާއި، އާންމު ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި އެ ސެންޓަރުގެ ގާނޫނީ ވަކީލުންގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ޕްރޮގްރާމު ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ. ލ. ގަމުގައި މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން 29 އަށެވެ. މި ޕްރޮގްރާމުގައި ނުވަ ގާނޫނީ ވަކީލުން ބައިވެރިވާނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.