ޚަބަރު

ބީއެމްއެލްގެ އެހީގައި ހުޅުމީދޫ ކޯގަންނު ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކޮށްފި

މަރިޔަމް ޝަހުދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ތާރީހީ ގޮތުން މުހިއްމު ސަރަހައްދެއް ކަމަށްވާ، އައްޑޫ ސިޓީ ހުޅުމީދޫ ކޯގަންނު ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލް އިން މައުލޫމާތުދިން ގޮތުގައި ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށް، އެސަރަހައްދަށް ޒިޔާރަތް ކުރާ މީހުން ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މައިޒާނެއް ވަނީ ގާއިމުކޮށްފައެވެ. އަދި މި ހިތްފަސޭހަ މައިޒާނުގައި ބެންޗު، ހަޓު އަދި އުނދޯލި ހަރުކޮށްފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮޖެކްޓު ހިންގާފައިވަނީ ހުޅުމީދޫގެ އަންހެނުންގެ އިސްނެގުމާއި އަމަލީ މަސައްކަތުން ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ. އަދި ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ މީހުން ބޭނުންކުރުމަށް މިފަދަ މައިޒާނެއް ގާއިމުކުރުމަށް އެހީތެރިވުމަކީ ބީއެމްއެލްއަށް ލިބުނު ބޮޑު އުފަލެއް ކަމަށް ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ.

ހުޅުމީދޫއިން މި ޕްރޮޖެކްޓުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރީދާ އިބްރާހީމް ވިދާޅުވިގޮތުގައި ހުޅުމީދޫ ކޯގަންނު ސަރަހައްދަކީ ކުރިން ވާ ހެދިފައި ފަޅުކޮށް އޮތް ސަރަހައްދެކެވެ. އަދި އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ރަށު ރައްޔިތުން އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތްކުރަން ޖެހުނު ކަމަށް ފަރީދާ ވިދާޅުވިއެވެ. ނަމަވެސް އެހެން މަސައްކަތް ކުރަން ޖެހުމުން މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް ނުވިކަން ފަރީދާ ފާހަގަކުރެއްވިއެވެ.

ފަރީދާ ވިދާޅުވީ އެސަރަހައްދުގައި ތަރައްގީކުރަން ބޭނުންވި ހިތްފަސޭހަ މައިޒާނުގެ މަސައްކަތް ބޭނުން ދުވެލީގައި ކޮށް ނިންމާލެވުނީ ބީއެމްއެލްގެ އެހީތެރިކަން ލިބުމުން ކަމަށެވެ. އަދި މި މަސައްކަތަކީ އެރަށު އަންހެނުންގެ އިސްނެގުމެއް ކަމަށާއި މުޅި މަސައްކަތް ފުރިހަމަ ކުރީވެސް އަންހެނުން ކަމަށް ފަރީދާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު''އަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފުކުރި ފަންޑެކެވެ. އެގޮތުން ހުށަހަޅާ ޕްރޮޖެކްތަކުގެ ތެރެއިން އަހަރުގެ ކޮންމެ ކުއާޓަރެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހިމެނޭ ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން 50،000 ރުފިޔާ ދެއެވެ. ބީއެމްއެލް އިން މައުލޫމާތުދިން ގޮތުގައި އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއް މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.