އެފްއޭއެމް

16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓަކަށް ސަމްޕަތު

އައިދާ އަބްދުލް ހަކީމް

ސޯޅަ އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަޝްރަފް ލުތުފީ (ސަމްޕަތު) ހަމަޖައްސައިފިއެވެ.

މިކަން އިއުލާނުކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެޑްކޯޗެއް ހަމަޖެހެންދެން ޓީމުގެ ކަންކަން ބަލަހައްޓަމުންގެންދާނީ ސަމްޕަތު ކަމަށެވެ.

ފުޓުބޯޅަ ކުޅުމުން ރިޓަޔާވުމަށްފަހު ސަމްޕަތު ވަނީ އޭއެފްސީ "އޭ" ލައިސަންސް ކޯޗިން ފުރިހަމަކޮށްފައެވެ. ގައުމީ ޓީމަށް 1995 އިން 2005 އަށް ކުޅުނު ސަމްޕަތު ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން ލެގޫންސާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި އައިއެފްސީ އާއި ކްލަބު ވެލެންސިއާ އަދި ކްލަބު އީގަލްސްއަށް ވެސް ކުޅެފައެވެ. އަދި އޭނާ ވަނީ ރާއްޖޭގެ އެންމެ ގިނަ ކާމިޔާބީ ހޯދި އެއް ކުލަބު ކަމަށްވާ ނިއުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމު ވިދާޅުވެފައިވަނީ ގައުމު ތަމްސީލުކުރާ ޓީމުތަކަށް ހެޑްކޯޗުންގެ ގޮތުގައި ބޭރު ކޯޗުން ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ކުރިން އާސެނަލަށް ކުޅުނު ލެޓްވިއާގެ އީގޯ ސްޓެޕަނޯވްސް ވަނީ ހަމަޖައްސައިފައެވެ.

ކުރިން 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުގައި ހުރީ ރާއްޖޭގެ ކާމިޔާބު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އެ މަގާމުން ނިޒާމްބެ އިސްތިއުފާ ދިނީ ބަންގުލަދޭޝް ޕްރިމިއާ ލީގުގެ ކްލަބު ސައިފް ސްޕޯޓިން ކްލަބާ ހަވާލުވުމަށެވެ. ނަމަވެސް ދާދި ފަހުން ނިޒާމްބެ ވަނީ އެ ކްލަބުގެ ކޯޗުކަމުން އިސްތިއުފާދީފައެވެ.