ގަވައިދާ ހިލާފަށް އުޅޭ ބިދޭސީނަށް ކޮވިޑް-19 ޖެހުނަސް ދެނެގަންނާނީ ކިހިނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ސަރުކާރަށް އަމާޒު ކުރައްވައި ސުވާލުކުރައްވައިފިއެވެ.
މިއަދު މޫސަ ކުރެއްވި ޓުވީޓެއްގައި ވިސާ ނެތި ފިލައިގެން އުޅޭ ބިދޭސީން ބަލިވި ނަމަވެސް ވޯކްޕާމިޓް ކާޑު ނެތުމުން ރަސްމީ ސިފައެއްގައި އެމީހުން ހޮސްޕިޓަލަށް ނުދައްކާކަން ފާހަގަކުރެއްވިއެވެ.
އެކަމުގެ ސަބަބުން އެފަދަ ބައެއްގެ ތެރޭ ކޮރޯނާ ވައިރަސް ފަދަ ބައްޔެއް ފެތުރި އެތައް ދުވަހެއްވާ އިރުވެސް އެކަން ދެނެގަންނާނެ ގޮތެއް ނޯންނާނެކަން ވެސް މޫސަ ފާހަގަކުރައްވާފައިވެއެވެ. އަދި މިކަމަކީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެ ކުރިން ހަމައެކަނި ޗައިނާ ވުހާން ސިޓީއަށް ގޮސްފައިވާ މީހުން ނުވަތަ ޗައިނާއަށް ދަތުރު ކޮށްފައިވާ މީހުންގެ ގައިން އަދި އެފަދަ މީހުންނާ ދިމާވެފައިވާ މީހުންގެ ގައިން މި ބަލި ފެނިފައިވީ ނަމަވެސް، ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ފަރާތުން ވެސް ކޮރޯނާ ވައިރަސްގެ އަސަރު ފެންނަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ މި ހަފްތާގައި ބުނެފައެވެ. އަދި މިކަމުގެ ސަބަބުން މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.