ޚަބަރު

އިތުރު ދެ މައްސަލައެއްގެ ތަހުގީގަށް ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރުކުރަން އަންގައިފި

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅުންހުރި އިތުރު ދެ މައްސަލައެއްގެ ތަހުގީގަށް އެމަނިކުފާނު މާދަމާ 14:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާނެ ކަމަށް އަންގައިފިއެވެ.

ރައީސް ޔާމީންގެ ގާނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އިތުރު ދެ މައްސަލައެއްގައި މާދަމާ 14:00 އަށް ޕޮލިސް ތަހުގީގަށް މާލެ ހާޒިރުކުރާނެ ކަމަށް ދެންމެ އަންގާފައިވާ ކަމެވެ. ނަމަވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ ކޮން މައްސަލަތަކެއްގެ ތަހުގީގަށް ކަމެއް ޑރ. ޖަމީލް ހާމަ ކުރައްވާފައެއް ނުވެއެވެ.

ޑރ. ޖަމީލް ވިދާޅުވީ "ފުލުހުންގެ މުއައްސަސާ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާ ތަނަކަށް ވެއްޖެ" ކަމަށެވެ.

ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރު ކުރާއިރު، އިއްޔެ މާފުށި ޖަލަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޒިޔާރަތުގެ ތެރެއިން ވަނީ ރައީސް ޔާމިނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމާގުޅިގެންނެވެ.