ޚަބަރު

16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއެއް ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި ރޭ ދަންވަރު 00:32 ހާއިރު ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނަށް 16 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއެއް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލައިގައި މިއަދު ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރުމަށް އެދިފައެވެ.