ޚަބަރު

ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް މިނިސްޓްރީ އާއި ކަސްޓަމްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމުގެ ގޮތުން ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގަވައިދު ތަންފީޒު ކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން މޯލްޑިވްސް ކަސްޓަމްސް ސާވިސާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީއާއި ކަސްޓަމްސް ގުޅިގެން ނެރުނު ބަޔާނެއްގައި "އިލީގަލް އަންރެގިއުލޭޓަޑް އެންޑް އަންރިޕޯޓެޑް ފިޝިންގް" ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގަވައިދެއް ކަނޑައަޅައި، ދެ އިދާރާ ގުޅިގެން އެކަމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން މި ގަވައިދުގައިވާ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒު ކުރުމަށް ދެ އިދާރާއިން މަސައްކަތް ކުރާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މި ގަވައިދުގެ ދަށުން މަސް ގަތުމަށް ނުވަތަ އެހެން ބޭނުމަކަށް ބަނދަރު ކުރާ އުޅަނދުތައް އިންސްޕެކްޓު ކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މި ގަވައިދުގެ ދަށުން އުޅަނދުތައް އިންސްޕެކްޓު ކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހެދިފައިވާ ގާނޫނުތަކުގެ މަތިން ކަންކަން ކުރިއަށްގެންދިއުމަށް މަގުފަހިވާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި ގަވައިދުގެ ދަށުން ގަވައިދާ ހިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެފަދަ އުޅަނދުފަހަރު ތަފާތު ބޭނުންތަކަށް ރާއްޖޭގައި ބަނދަރު ކުރުން ހުއްޓުވޭނެ ކަމަށް މި ބަޔާނުގައި ވެއެވެ. އަދި ބޭރުގެ މަސްބަރު ކުރާ ކެރިއަރުތަކުން ރާއްޖޭގެ ޕޯޓުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް މޮނިޓާ ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިއާއެކު އިންސްޕެކްޝަން އޮފިސަރުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމާއި ކަމާ ގުޅޭ މައުލޫމާތު ބަދަލުކުރުމުގައި ދެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.