ޚަބަރު

ގިނަ އަދަދެއްގެ ނަރުހުން ހޯދަން އައިޖީއެމްއެޗުން އިއުލާނުކޮށްފި

ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ވަނީ ރެޖިސްޓާޑް ނަރުހުންނާއި، ސީނިއާ ރެޖިސްޓާޑް ނަރުހުންނާއި، ކްލިނިކަލް ނަރުހުން ހިމެނޭހެން ޖުމުލަ 59 ނަރުހުން ހޯދުމަށެވެ. އަދި ނަރުހުންގެ މުސާރައިގެ ގޮތުގައި މަހަކު 9،060 އާއި 1،0940 ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ. އޭގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ، އެ މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 13:00ގެ ކުރިން، ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު އެ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ނަރުހުން ނެގުމުގައި އިސްކަންދޭނީ ގާބިލު އަދި މަސައްކަތްތެރި ނަރުހުންނަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.