ޚަބަރު

ވ. ތިނަދޫން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

މަރިޔަމް ޝަހުދާ

1

ވ. ތިނަދޫން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އިއުލާނާއި ގުޅިގެން ތިނަދޫން ގޯތި ހޯދުމަށް ކުރިމަތިލި މީހުންގެ ތެރެއިން ގޯތި ލިބުނު 30 މީހުންގެ ނަން ތިނަދޫ ކައުންސިލުން ވަނީ މިއަދު ގެޒެޓުގައި ޝާއިއު ކޮށްފައެވެ. ކައުންސިލުން އާންމު ކުރި ލިސްޓުގައި ގޯތި ލިބުނު މީހުންނަށް ލިބިފައިވާ ޕޮއިންޓު ވެސް ހިމަނާފައި ވެއެވެ.

މި ލިސްޓާއި ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް ކައުންސިލުން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ތިނަދޫ ކައުންސިލް އިދާރާ ބަންދު ކުރުމުގެ ކުރިން ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މާޗް ފަހެއްގެ ފަހުން މި ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް ބަލައި ނުގަންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ތިނަދޫން ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް ސާވޭ އޮތޯރިޓީން ދީފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ހުއްދަ ލިބުމާއެކު ތިނަދޫ ކައުންސިލުން ވަނީ 2000 އަކަފޫޓުގެ 30 ގޯތި ދޫކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހު 12 ވަނަ ދުވަހު ކައުންސިލުން ވަނީ ގޯތި ހޯދުމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމަށް އެދި ހުޅުވާލާފައެވެ.

މި 30 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ތިނަދޫ ހުޅަނގު ފަރާތު މީހުން ދިރި ނޫޅޭ ހިސާބު ވަލުތެރެއިން ގަބުރުސްތާން ކައިރިން ފެށިގެން ކަމަށް ވެސް އެ ރަށު ކައުންސިލުން މީގެ ކުރިން ބުނެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟