އިބްރާހިމް ޒަކީ
ކުރީގެ ނައިބު ރައީސް، އަބްދުﷲ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި ހުރި، ފްލެޓް ކަމަށްވާ "ރެހެންދި 3" ގެ ދެ ފްލެޓު ރިޔާސީ ދައުރު ހަމަވުމަށްފަހު، ހުސްކުރަން އެންގުމުން ވެސް އެތަން ހުސްނުކުރައްވައި ބޭނުންކުރައްވާފައި ވާތީ، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން އެޓާނީ ޖެނެރަލް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، އެޓާނީޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3”ގެ ދެ ފްލެޓް ހަމަޖައްސައިދިން ކަމަށެވެ.
ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ދުވަސް ވަންދެން އެތަން ބޭނުން ކުރެއްވުމަށްފަހު، ޖިހާދު އެތަން ދޫކޮށްލެއްވީ 17 ފެބުރުވަރީ 2020 ގައި ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ގާނޫނީ ހައިސިއްޔަތެއް ނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދީ، ނުހައްގު މުއްސަނދިކަން ހޯދާފައި ވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީގެ ގޮތުގައި ޖުމުލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ދައުވާ ހުށަހަޅާފައިވާ ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.