ޚަބަރު

ތިމާވެއްޓަށް ރަނގަޅު ބަދަލެއް، މެންބަރު ލަތީފު މިއަދު މަޖިލީހަށް ވަޑައިގެންނެވީ ބައިސްކަލުގައި!

މަރިޔަމް ޝަހުދާ

ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު މަޖިލީހަށް ވަޑައިގެންނެވީ ބައިސްކަލެއްގައެވެ.

މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މިއަދު ކުރެއްވި ޓުވީޓެއްގައި ހަސަން ލަތީފު ބައިސްކަލެއްގައި މަޖިލީހަށް ވަޑައިގަންނަވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ ހިއްސާކުރައްވައިފައެވެ.

ހިއްސާކޮށްފައިވާ ވީޑިއޯގައި މެންބަރު ރާއީ ސުވާލުކުރެއްވުމުން ހަސަން ލަތީފު ވަނީ މިއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ވިދާޅުވެފައެވެ. އެއީ ކަސްރަތަށްވެސް އަދި ތިމާވެއްޓަށްވެސް ރަނގަޅު ބަދަލެއް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި އެހެން މެންބަރުންނަށް ވެސް މިކަމަށް އިލްތިމާސްކުރެއްވިއެވެ.

"މިއީ ވަރަށް ރަނގަޅު ކަމެއް. ހާއްސަކޮށް ކަސްރަތު ނުކޮށްފަ މެންބަރުން އެތިބޭ ސިފައަށާއި އެއްޗިއްސަށް ބަދަލު އަންނާނެ މި ކަހަލަ ކަމެއް ފައްޓަވައިފިއްޔާ،" މި ވީޑިއޯގައި ހަސަން ލަތީފު ވިދާޅުވެއެވެ.

ގިނަ ބަޔަކު ވަނީ ހަސަން ލަތީފުގެ މި ބަދަލަށް ތައުރީފުކޮށް ރާއީގެ ޓުވީޓަށް ވަނީ ކޮމަންޓުކޮށްފައެވެ.