އިބްރާހިމް ޒަކީ
ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ ވެރިކަމުގެ ނާ ދަތުރު ކުރަމުންދާ މިސްރާބަށް ބަލާއިރު، ފެންނަމުން މިދަނީ ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ގާނޫނު ހަދާ ބާރުން ބާރު ފޯރުވަމުންދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޔާން އިއްވަވަމުންނެވެ.
ސަލީމް ވިދާޅުވީ، ތިން ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގައި ފެނިގެން މިދަނީ އެއްބާރުން އަނެއްބާރުގެ މައްޗަށް ބާރު ފޯރުވާތަން ކަމަށެވެ.
އެގޮތުން ގާނޫނުހަދާ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ނުފޫޒު ފޯރުވަމުންދާކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާއަށް ސަރުކާރުންނާއި މަޖިލީހުންވެސް ނުފޫޒު ފޯރުވަމުންދާ ކަމަށާއި ޝަރުއީ ނިޒާމު އޮދީ ސިޔާސީ ނުފޫޒުގެ ވަކިތަކެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ތިން ބާރު އެކުގެ ޑިމޮކްރަސީގެ ނިޒާމް މަސައްކަތް ނުކުރާކަމަށްވެސް ސަލީމް ފާހަގަ ކުރެއްވިއެވެ.
ސަލީމްގެ ވާހަކާގައި ގާނޫނުހަދާ ބާރުން، ސަރުކާރަށް ބާރުފޯވުމަށް ކުރިއަށް ގެންދާ ކަންތަައްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ސީދާ ގޮތެއްގައި ސަރުކާރުގެ ވަޒީރުންނަށް އިރުޝާދު ދެއްވަމުން ގެންދަވާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެހެން ބާރުތަކުން ސަރުކާރުގެ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމުގެ ހެކި، ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމްގެ ވާހަކާގައި ސަރުކާރުގެ ހާރިޖީ ސިޔާސާތުގެ ބެލެންސް ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ހަމަހަމަ ކަން ނެން ކަމަށާއި، ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުންފެށި ޒިރޯ ޓޮލަރެންސްގެ ސިޔާސަތު ފެއިލް ވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވަބާއިން ރާއްޖެ އާއި ރައްޔިތުން ސަލާނަތް ކުރުމަށް ދުރާލާ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ކަމުގައި އިސްވެ ބަސް ބުނާނެ ސަރުކާރުުގެ އިތުބާރުހުރި މަސްދަރެއް ނެތްކަން ފާހަގަ ކުރައްވައި އެކަމުގެ ސަބަބުން ވަޒީރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމްގެ ވާހަކައިގަ ޑިމޮކްރައީގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމަ އެކަނި ރައީސް، އަދި އިދިކޮޅު ލީޑަރު ޖަލަށް ލުމަކީ ޑިމޮކްރަސީގައި ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއްކަަމަށް ވިދާޅުވެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވައިލެއްވިއެވެ.