އިބްރާހިމް ޒަކީ
ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުންފެށި ޒިރޯ ޓޮލަރެންސްގެ ސިޔާސަތު ފެއިލް ވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތިން، އިދިކޮޅު މައިނޯރިޓީ ލީޑަރުގެ ގޮތުގައި ޖަވާބު ދެއްވަމުން މިއަދުގެ މަޖިލިސް ޖަލްސާގައި ސަލީމް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމަކީ، ދިވެހިން އިންތިހާއށް ކަންބޮޑުވާކަމެއް ކަމަށެވެ.
އަދި ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި ވޭތުވެދިޔަ އަހަރު ރާއްްޖެ ހަ ދަރަޖަ ފަހަތަށް ދިއުމަކީ ރާއްޖޭގައި ކޮރަޕްޝަން އިތުރުވަމުންދާ ކަން އަންގައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދައުލަތުގެ މަތީ ފަންތިއާ ހަމައިން ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެމުން ދިއުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ސަރުކާރުން ގެންގުޅޭ، ކޮރަޕްޝަނަށް ޒިރޯ ޓޮލެރެންސްގެ ސިޔާސަތު ފެއިލްވެފައިވާކަން އެކަމުންދޭހަވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
"ކޮރަޕްޝަންގެ އިންޑެކްސް ރިޕޯޓްގައި 2018 ވަނަ އަހަރު ރާއްޖެ 124 ގައި ދަރަޖަ ކުރެވިފއިވާއިރު 2019 ވަނަ އަހަރު ދަރަޖަ ކުރެވިފައިވަނީ 130 ވަނައިގަ 2019 ވަނަ އަހަރު ރާއްޖެ ވަނީ 6 ދަރަޖަ ފަހަތަށް ޖެހިލައިފަ، ވޭތުވެދިޔަ އަހަރު ރާއްޖޭގެ ކޮރަޕްޝަން އިތުރުވުމުން ދައްކައިދެނީ ސަރުކާރުން ގެންގުޅޭ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ސިޔާސަތު ފެއިލްވެފައިވާކަން، ކޮރަޕްޝަންގެ ތުހުމަތުތައް ދައުލަތުގެ މަތީފަންތިއާ ހަމައިން ކުރެވޭކަމީ ރައްޔިތުން ވަރަށް ކަންބޮޑުވާކަމެއް،" ސަލީމް ވިދާޅުވިއެވެ.