ޔޫއެފާ ޗެމްޕިއަންސް ލީގު

އަމިއްލަ ދަނޑުގައި ބަޔާން އަތުން ބަލިވެ، ޗެލްސީއަށް އުނދަގޫތަކެއް

އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން ބަލިވެ، ޗެލްސީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ކުޅުނު ފުރަތަމަ ލެގު މެޗުގައި ބަޔާން އަތުން ޗެލްސީ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައި، ބަޔާނުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗު ފެށިތާ މިނެޓެއްގެ ތެރޭ ބަޔާންގެ ތޯމަސް މުލާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، ޗެލްސީގެ ކީޕަރު ވިލީ ކަބަޔޭރޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ވެސް ބަޔާނަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ތިއާގޯ ދިން ރީތި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ކަބަޔޭރޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ވެސް ޗެލްސީގެ ކީޕަރު ކަބެޔޭރޯއަށް ބަޔާނުގެ ހަމަލާއެއް މަތަކުރަން ޖެހުނެވެ. އެ ހަމަލާއަކީ މުލާ ދިން ރީތި ބޯޅައަކުން ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެކެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ބަޔާނުގެ އިތުރު ހަމަލާއެއް ފެނިގެންދިޔައެވެ. ލެވަންޑޯސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މުލާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޗެލްސީގެ ގޯލުގެ ހުރަސްދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގެ 51 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލެވަންޑޯސްކީ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އޭގެ ތިން މިނެޓު ފަހުން ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމު ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގްނަބްރީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލެވަންޑޯސްކީ ދިން ބޯޅައެއް ހިފައިގެން ވަރަށް ހުސްކޮށް ހުރެ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ބަޔާނުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. އަލްފަންސޯ ޑޭވީސް ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގައި ޗެލްސީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މާކޮސް އަލޮންސޯއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އަލޮންސޯއަށް އެ ރަތް ކާޑު ދައްކާފައިވަނީ ބޯޅަ ނެތިސް، ލެވަންޑޯސްކީއަށް ހަމަލާދިނުމުންނެވެ.

ބަޔާނުގެ ދަނޑުގައި ކުޅޭ ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޗެލްސީއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ މެޗަށް ބަޔާން ނުކުންނާނީ އަވޭ ތިން ގޯލުގެ އެޑްވާންޓޭޖާއެކުއެވެ.