ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފްރާންސް ތަރި އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑުން ނަޕޯލީ އަތުން ބާސެލޯނާ ސަލާމަތްވެއްޖެއެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ނަޕޯލީ އާއި ބާސާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ 30 ވަނަ މިނެޓުގައި ނަޕޯލީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޕިއޮޓާ ޒިއެލިންސްކީ ދިން ބޯޅައަކުން ނަޕޯލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވަޑް ޑްރައިސް މާޓެންސްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މާޓެންސް ފޮނުވާލި ހަމަލާ އަމާޒުވީ ބާސާގެ ގޯލުގެ މަތީ ކަނަކަށެވެ.
ބާސާ އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 42 ވަނަ މިނެޓުގައި ނަޕޯލީއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. މާރިއޯ ރުއި ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހޯސޭ ކަލެހޮން ފޮނުވާލި ހަމަލާ ބާސާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.
އެ މެޗުގެ 57 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނެލްސަން ސެމޭޑޯ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނަޕޯލީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އޭގެ ހަތަރު މިނެޓު ފަހުން ނަޕޯލީއަށް އަލުން ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ސެމޭޑޯ އާއި ޖެރާޑް ޕީކޭ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސިގްނޭ ފޮނުވާލި ހަމަލާ، ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ލީޑު ހޯދުމަށް ބާސާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. އާޓުރޯ ވިޑާލް ދިން ބޯޅައަކުން ޕަނަލްޓީ އޭރިއާ ތެރެއިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ނުރައްކާކުރުމުގެ ކުރިން ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ އެ ބޯޅަ ހޯދައިފައެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ބާސާގެ މިޑްފީލްޑަރު ވިޑާލަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފައެވެ. ވިޑާލަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައިވަނީ ރުއިއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަދި އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ ރުއިއަށް ހަމަލާދިނުމުގެ ސަބަބުންނެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅޭ ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ނަޕޯލީއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ.