ޚަބަރު

ރޮހިންޔާ މުސްލިމުންގެ ހައްގުގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވާނީ އަމާލް ކްލޫނީ

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްހުލުވާއިރު، ރާއްޖެ ތަމްސީލުކުރާނީ އަމާލު ކްލޫނީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިސްލާމީ ގައުމުތަކުގެ ފަރާތުން ގެމްބިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން މިނިސްޓަރު ޝާހިދު އިއުލާން ކުރެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

އެ ސެޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ނިކުންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފެނިވަޑައިގަންނަވާތީ އަވަސް މުސްތަގުބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އެކޯޓަށް ލިޔުން ހުށަހަޅާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވާނީ އަމާލް ކްލޫނީ ކަމަށެވެ. އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތަކާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން މަސައްކަތްކުރައްވާފައިވާ އަމާލް ކުލޫނީއަކީ މިޔަންމާގައި ހައްޔަރުކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ ބްރިޓިޝް ފޮރިން އެންޑް ކޮމަންވެލްތު އޮފީސްގެ ފަރާތުން މީޑިއާ ފްރީޑަމްގެ ހާއްސަ އެންވޯއީއަކަށް ވެސް އައްޔަން ކުރައްވައިފައެވެ.

ނަމަވެސް އޭނާގެ ފީ ސަރުކާރުން ހާމައެއް ނުކުރެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ރާއްޖޭގެ ފަރާތުން އަމާލްއަށް ފީއެއްގެ ގޮތުގައި ދޭނީ މަސައްކަތް ކުރައްވާ ކޮންމެ ގަޑިއިރަކަށް 30،000 ރުފިޔާގެ މަގުންނެވެ. އެހެން ނަމަވެސް މި އަދަދު ރަސްމީ އެއްވެއް އިދާރާއަކުން ޔަގީނެއް ނުކޮށްދެއެވެ.

ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ގެމްބިއާއިން ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ މައްސަލައިގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމުން" ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެގައުމަށް އަމުރުކޮށްފައެވެ.

އަދި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާ ކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލުން ވަނީ ނިންމާފައެވެ.

އެހެންކަމުން ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސް ދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ ހަ މަހަކުން ހަ މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.