ޚަބަރު

މަތީ ތައުލީމުގެ ލޯނަށް ފަސޭހައިން އެދެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައި: ހަޔާ އެޑިޔުކޭޝަން މިނިސްޓަރު

އަހުމަދު އައުފް އަބްދުލް ސަމަދު

މަތީ ތަައުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދޫކުރާ ސްޓޫޑަންޓްސް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ވީހާ ވެސް ގިނަ ފަރާތްތަކަށް ފަސޭހަކަމާ އެކު ފަހި ކޮށްދިނުމުގެ ގޮތުން ލޯނު ދޫކުރާ އުސޫލަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ، (ޕީއެސްއެމް)ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ކުރީ އަހަރުގެ ލޯން ސްކީމަށް ބެލުމަށްފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން އިސްލާހުކޮށް ގިނަ ބަދަލުތަކެއް މިއަހަރު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ދިނުމަށް ޓަކައި، މާލީ ގޮތުން ފުދުންތެރިކަން އެންމެ ކުޑަ ފަރާތްތަކަށް އިސްކަންދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތައުލީމު ހާސިލްކުރުމަށް ޓަކައި ސަރުކާރުން ފައިސާގެ އެހީތެރިކަމެއް ލިބިގެން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކޮށް ނިމިފައި ނުވާ ދަރިވަރުންނަށް ވެސް މިފަހަރު އަލުން ލޯނަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރީން އެމްބީބީއެސް ފަދަ އަގުބޮޑު ކޯސްތައް ކިޔަވަމުން ދިޔަ ކުދިންނަށް އެބަހުރި އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީތެރިކަން ސަރުކާރުން ދީފައި. ނަމަވެސް އެމްބީބީއެސް ފަދަ ކޯހެއް ހަދާ ކުދިންނަށް މިއީ މާ ބޮޑު އަދަދެއް ނޫން. ކުރިން އުސޫލު އޮންނަ ގޮތުން އެއް ލައްކަ ރުފިޔާ ލިބިފައި އޮތުުމުން އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތުން އެކުދިން ވަނީ މަހުރޫމުވެފަ. އެހެންވީމަ މިފަހަރު އުސޫލު މިވަނީ ބަދަލުކޮށްފައި." މިނިސްޓަރު ވިދާޅުވިއެވެ.

މިިދިޔަ އަހަރާއި އަޅާ ބަލާއިރު މިފަހަރު ލޯނަށް އެދި ހުށައަޅާއިރު ތައުލީމީ ސެޓްފިކެޓްތަކުގައި އަސްލާއި އެއްގޮތް ކަަމުގެ ތައްގަނޑު ވެސް ޖަހާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި ސެޓްފިކެޓްތަކުގެ ކޮޕީ ފަސޭހަކަމާ އެކު ޕޯޓަލަށް އަޕްލޯޑް ކޮށްލެވޭނެ އެވެ. އަސްލާއި އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައި އޮތް ފޮޓޯ ކޮޕީ ސެޓަކާއި ސެޓްފިކެޓްތަކުގެ އަސްލު މިހާރު ގެންދަން ޖެހެނީ ލޯނު ލިބޭ ކުދިން ލޯނާއި ހަވާލު ވާއިރު އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮންމެ އިންތިހާބީ ދާއިރާ އަކުން ހޮވާލެވޭ ޝަރުތު ހަމަވާ އެއް ކުއްޖަކަށް މި ފަހަރު ލޯނުގެ ފުރުސަތު ލިބިގެން ދެއެވެ. އަދި ޑިޕްލޮމެޓިކް މިޝަންތަކުގައި ވަޒީފާ އަދާކުރުމުގެ ސަބަބުން އެތަންތަނުގައި ދިރިއުޅެން ޖެހިފައިވާ އާއިލާ ތަކުގެ ކުދިންނަށް، ރާއްޖޭގައި ހެދެން ހުރި ކޯސްތައް އެގައުމުގައި ތިބެ ހެދުމުގެ ފުރުސަތުވެސް މިފަހަރު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން ހެދޭ ކޯހެއް ރާއްޖެއިން ބޭރުން ހެދުމަށް އެހެން ކުދިންނަށް މި ލޯން ސްކީމްގެ ދަށުން ފުރުސަތެއް ނުލިބެއެވެ.

މަތީ ތައުލީމުގެ ލޯނުގެ ގޮތުގައި 550 ދަރިވަރުންނަށް މިއަހަރުގެ ފުރަތަަމަ ބުރުގައި ލޯނު ދޫކުރާއިރު 151 މިލިއަން ރުފިޔާ މިކަމަށް ހަރަދުވާނެ އެވެ. މިފަހަރު މި އަދަދަށް ލޯނު ދޫކުރެވިއްޖެނަމަ ލޯނު ދޫކުރުމުގެ އިތުރު ބުރެއް މިއަހަރު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރު ތިން ބުރެއްގެ މަތިން ދޫކުރީ 565 ލޯނެވެ. އެކަމަށް ހަރަދުވެފައިވަނީ 140 މިލިއަން ރުފިޔާއެވެ.

މިފަހަރު ލޯނު ދޫކުރުމަށް ނިންމާފައިވަނީ ތިން ކެޓަގަރީ އަކުންނެވެ. އެއީ އެއީ އަލަށް މަތީ ތައުލީމު ކިޔަވަން ފަށާ ކުދިންނާއި، ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުން އަންނަ ކުދިންގެ ކެޓެގަރީ ގެ އިތުރުން އިންތިހާބީ ދާއިރާތަކާއި ގުޅޭ ކެޓެގަރީ އެވެ. ލޯނަށް ކުރިމަތިލާ ކޮންމެ ކުއްޖަކަށް ވެސް ކުރިމަތިލެވެނީ މީގެ ތެރެއިން އެއް ކެޓަގަރީ އަށެވެ. އަދި ހުށައެޅޭނީ އެއް އެޕްލިކޭޝަނެވެ.

ހަޔާ އެޑިޔުކޭޝަންގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ސުންގަޑި އަކީ އަންނަ މާޗް މަހުގެ ނުވަ ވަނަ ދުވަހެެވެ.