ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ގޯލްޑް 100"ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އަބްދުލް ރަޝީދާއި ސަލާހު ޝިހާބަށް ލިބިވަޑައިގެންފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ގޯލްޑް 100 ގާލާގައި ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޗެއާމަން މަރުހޫމު އަބްދުލް ރަޝީދުގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާ ހަވާލުވެވަޑައިގެންނެވީ އޭނާގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.
ރަޝީދުގެ އިތުރުން ގޯލްޑް 100ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވި ސަލާހު ޝިހާބަކީ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރެވެ. ލައިފްޓައިމް އެވޯޑު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.
ރަޝީދުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވުމަށްފަހު ނާޒިމް ވިދާޅުވީ އެ އެވޯޑަކީ "ބައްޕަ ކުރި ބުރަ މަސައްކަތުގެ ނަތީޖާ" ކަމަށެވެ. އަދި 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރި ބުރަ މަސައްކަތުގެ އަޒުވަޒަންކުރެވިގެން ދިއުމަކީ އެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ބައްޕަ ދުނިޔޭގައި ހުންނެވި ނަމަ، ހަމަގައިމުވެސް މި އެވޯޑު ލިބޭ ދުވަސް ވެގެންދިޔައީހީ ވަރަށް އުފާވެރި ދުވަހަކަށް. ބައްޕަ ދުނިޔެއާ ވަކިވެގެންދިޔަ ނަމަވެސް، ބައްޕަ ކުރި މަސައްކަތް އަޅުގަނޑުމެންގެ ހަނދާނުގައި ހުންނާނެ. އަދި ދިވެހިރާއްޖެއަށް ބައްޕަ ކޮށްދެއްވި މަސައްކަތް ހަމަގައިމު ވެސް މި މާލޭގައާއި ރާއްޖެތެރޭގެ ރަށްރަށުގައި ކުރެއްވި މަސައްކަތް ހަނދާނުގައި ހުންނާނެ،" ނާޒިމް ވިދާޅުވިއެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑާ ހަވާލުވެވަޑައިގެންނެވުމަށްފަހު ސަލާހު ޝިހާބު ވިދާޅުވީ 1980 ވަނަ އަހަރު ވޮޔޭޖަސް މޯލްޑިވްސް ފެށި މައިގަނޑު ސަބަބަކީ އެ ދުވަސްވަރު ސަރުކާރު ވަޒީފާތަކުން ރަނގަޅު އާމްދަނީއެއް ނުލިބޭތީ ކަމަށާއި ސަރުކާރު ވަޒީފާތައް އަދާކުރުމަށްފަހު ލިބޭ ހުސް ވަގުތުތަކުގައި ކުންފުނީގެ މަސައްކަތްތައް ކުރާ ކަމަށެވެ. އަދި ޒުވާން ވިޔަފާރިވެރިން ވެސް ފުރުސަތުގެ ބޭނުން ހިފައިގެން ގަދައަޅައި މަސައްކަތްކޮށްފި ނަމަ، ކާމިޔާބަށް ވާސިލުވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގޯލްޑް 100 ގާލާ"ގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.