އަލީ ޔާމިން
ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުނިތަކަށް ކޯޕަރޭޓް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ދޭ "ސީޖީ އެފަޓްސް އެވޯޑް" އެސްޓީއޯ، އެލައިޑް އަދި ސްޓެލްކޯއަށް ލިބިއްޖެ އެވެ.
މި އެވޯޑު އެކުންފުނިތަކަށް ހަވާލުކުރީ ދަރުބާރުގޭގައި ރޭ ބޭއްވި ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 ގާލާގެ ތެރެއިންނެވެ.
އެވޯޑު ކާމިޔާބުކުރި ކުންފުނިތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ސީއެމްޑީއޭގެ އެކްޓިން ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީން އެވެ.
ސީޖީ އެފަޓްސް އެވޯޑު މީގެ ކުރިން ދެ ގިންތިއަކުން ދެމުން އައި ނަމަވެސް މި އަހަރުގެ އެވޯޑުގައި ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ ނަމުގައި އާ ގިންތިއެއް ވަނީ ތައާރަފްކޮށްފައެވެ.
އެސްޓީއޯއަށް އެވޯޑު ލިބިފައި ވަނީ ލިސްޓަޑް ކުންފުނިތަކުގެ ބައިންނެވެ. ނޮން ލިސްޓަޑް ކުންފުނިތަކުގެ ބައިން އެލައިޑަށް އެވޯޑު ލިބުނުއިރު، ސްޓެލްކޯއަށް އެވޯޑު ލިބުނީ އަލަށް ތައާރަފުކުރި ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ ބައިންނެވެ.
ސީޖީ އެފަޓްސް އެވޯޑަކީ ރާއްޖޭގެ ކުންފުނިތައް ކޯޕަރޭޓް ގަވަނަންސްގެ ހަރުދަނާ އުސޫލުތަކަށް އެޑޮޕްޓް ކުރަން ހިތްވަރު ދިނުމުގެ ގޮތުން 2018 ވަނަ އަހަރު ކޯޕަރޭޓް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ތައާރަފްކުރި އެވޯޑެކެވެ.