ދިވެހި ވިޔަފާރިވެރިންގެ އަމާޒަކަށް ވާންވީ ބައިނަލްއަގުވާމީ ބާޒާރުގައި ވިޔަފާރިކޮށް ނަފާ ހޯދުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި "ގޯލްޑް 100 ގަލާ" އިވެންޓު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ވިޔަފާރިކޮށް މަންފާ ހޯދުމަކީ އަދި އެހާ ފަސޭހައިން ކުރެވިދާނެ ކަމަކަށް ނުވި ނަމަވެސް އިގުތިސާދު ކުރިއަަރައި ނަފާ އިތުރުވުމުން އެ ފުރުސަތު ފަހިވާނެ ކަމަށެވެ.
ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ވިޔަފާރިތަކަށާއި އިގުތިސާދުތަކަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މިނިސްޓަރު އަމީރު ވަނީ ވާހަކަދައްކަވައިފައެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރާނެ ބޭންކެއް "އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)" ގެ ނަމުގައި ތައާރަފުކޮށްފައިވާ ކަމަށާއި އެސްއެމްއީ ފަންޑު މެދުވެރިކޮށް ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަންޑުކުރުމެއް ނޫން. އެކަމަކު އެ ވިޔަފާރިތަކަށް އިރުޝާދުދިނުމާއި ވިޔަފާރީގެ މާހިރުންގެ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ވެސް އަޅުގަނޑުމެންގެ އަމާޒެއް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ވިޔަފާރިވެރިން ބާރުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ، މި ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށާއި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި އިވެންޓުގެ ބައިވެރިންނަށް މިނިސްޓަރު އަމީރު އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުން ކަންކަން ނިންމުމުގެ ކުރިން ދިވެހި ޓެކްނޮލޮޖިކަލް އުފެއްދުންތައް ބޭނުންކުރުމަށް ވިޔަފާރިވެރިންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެވޯޑު ދިނުމަށް ހަމަޖައްސާފައިވަނީ ކަނޑައެޅިފައިވާ ވަކި ކްރައިޓީރިއާއެއްގެ ތެރެއިންނެވެ.
''ގޯލްޑް 100 ގާލާ''ގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.