ޚަބަރު

މިއަހަރަކީ 18 އަހަރަށްފަހު މަޖިލިސް މެމްބަރެއްގެ މައްސަލަ އައިޕީޔޫގައި ނެތް ފުރަތަމަ އަހަރު: މިނިސްޓަރު ޝާހިދު

1

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ އިންސާނީ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް މިވަގުތު އިންޓަ- ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގައި ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ މަޖިލިސް މެމްބަރެއްގެ ހައްގުތައް ގެއްލުނު މައްސަލައެއް އައިޕީޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްގައި 2002 ވަނަ އަހަރުން ފެށިގެން ނެތި ދާ ފުރަތަމަ ފަހަރު ކަމަށެވެ.

މި ކާމިޔާބީން ދޭހަކޮށްދެނީ ރާއްޖޭގެ މަޖިލިސް މެމްބަރުންގެ ރައްކާތެރިކަމާއި އިންސާނީ ހައްގުތަކަށް ކަށަަވަރުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އައިޕީޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްއަކީ މެމްބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކޮށް، ބަރުލަމާނީ ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރާ އައިޕީޔޫގެ ކޮމިޓީއެވެ.

މި ކޮމިޓީން ރާއްޖޭގެ މައްސަލައިގައި އެންމެފަހުން ކަންބޮޑުވުން ފާޅުކޮށް، މައްސަލައެއްގެ ގޮތުގައި ނަގާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ސަލާމަތީ ބާރުތަކުގެ ބާރުގެ ދަށަށް ގެނެސް، މަޖިލީހުގެ ބައެއް މެމްބަރުންނަށް މަޖިލިސް އިދާރާއަށް ވަނަނުދިން މައްސަލައިގައެވެ.

ސެޝަންގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ގާނޫނުތަކަށް ގެނެވުނު ބަދަލުތައް ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ތެރެއިން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވައި އެ ކައުންސިލްތަކުގެ ތިންބައިކުޅަ އެއް ބަޔަކީ އަންހެނުންނަށް ކަނޑައެޅިފައިވާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލުންނަށް ބޭނުންވާ މިނިވަންކަން ކަށަވަރުކޮށްދީ، ރާއްޖޭގެ ޖަލުތަކުގެ ފުރިހަމަ އޮޑިޓެއްކޮށް، ރާއްޖޭގެ ޖަލުތަކަކީ މަންޑޭލާ ރޫލްސް ފަދަ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަންތަން ކަމުގައި ހެދުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ހުރިހާ އެންމެންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ޕްރޮމޯޓް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް އިތުރަށް ފުރިހަމަކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟