ޚަބަރު

ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފާ އާއިލާއާ ހިއްސާކޮށްފިން: އިމްރާން

އަހުމަދު އައުފް އަބްދުލް ސަމަދު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލަތާމެދު ޑޮކްޓަރުން ދެއްވާފައިވާ ލަފާ އެމަނިކުފާނުގެ އާއިލާއާ ހިއްސާކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީ ޖަލުގެ މިވަގުތުގެ ހާލަަތު ގާތުން ބެއްލެވުމަށްޓަކައި އިއްޔެ ޖަލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީނާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާގުޅޭ ގޮތުން އެމަނިކުފާނާ މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

"އަދި ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު ވަނީ އާއިލާއާ ހިއްސާ ކުރެވިފައި،" މިނިސްޓަރު އިމްރާންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ލަފާ އެމަނިކުފާނާ ހިއްސާކުރެއްވިއިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަސް ވަންދެން އެމަނިކުފާނު އޮންނެވީ ޓެސްޓުތަކެއް ހެއްދެވުމަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައެވެ. އެއަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތުން މި ހުކުމް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅައި، އިސްތިއުނާފުގެ އަޑުއެހުންތައް އެކޯޓުގައި ދަނީ ކުރިއަށެވެ.

ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި އެދިފައިވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދިނުމަށާއި އެމަނިކުފާނުގެ އުނަގަނޑަށް ދިމާވެފައިވާ މައްސަލަ އާއި ހިތުގެ މައްސަލައަށް ރާއްޖޭން ފަރުވާ ލިބެން ނެތުމުން، ރާއްޖޭން ބޭރުން ބޭސް ފަރުވާ ހޯދުމަށްޓަކައި، ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދެއްވުމަށެވެ.

ނަމަވެސް ހައިކޯޓުން ވަނީ އެކަންކަން ނިންމައި ދެވެން ނެތް ކަމަށް އަންގައިފައެވެ.