އީރާންގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އިރާޖް ހަރިރުޗީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.
ވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ހަރިރުޗީ އިއުލާން ކުރެއްވީ ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރެއްވި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ހަރިރުޗީ ވިދާޅުވީ، އެ ބަލިން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވެސް ވަނީ ޑެޕިއުޓީ ހެލްތު މިނިސްޓަރު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެގެން ކަރަންޓީން ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
ހަރިރުޗީއަކީ އީރާނުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގެ ކުރީ ސަފުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
ޗައިނާއިން ފެނި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް އީރާނުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު އެބަލީގައި މިހާތަނަށް ވަނީ 16 މީހަކު މަރުވެފައެވެ. އެހެންކަމުން އީރާން ވެފައިވަނީ އެބަލި ޖެހިގެން ޗައިނާއިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމެވެ.
މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80,000 އަށްވުރެ މައްޗަށް އަރާފައިވާއިރު އެބަލީގައި މުޅި ދުނިޔެއިން 2,707 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 2,664 އަކީ ޗައިނާއިން މަރުވި މީހުންނެވެ.