އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ.
ދެހާސް ދޭވީހުން ދެހާސް ފަންސަވީހަށް ކުރިއަށްދާނެ ކައުންސިލުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރެއްވީ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަޝިޕްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށާއި މެންބަރު ގައުމުގެ އަޑު ރާއްޖެއިން އުފުލައިދޭނެކަމުގެ ޔަގީންކަން އެ ގައުމުތަކަށް އަރުވައިފައެވެ.
ރާއްޖެއިން ވަނީ 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ދެ ދައުރު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ފުރިހަމަކޮށްފައެވެ. އެ މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްގުތަކާއި ހުރި ގުޅުން ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޮ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައެވެ.
މިއަދުގެ ބައްދަލުވުމުގައި ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދާއި މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖް ޑރ. އާސިމް އަހުމަދުގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުން ރައްޔިތުންނަށް އިންސާނީ ހައްގުތައް ހޯދައިދިނުމުގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާގުޅޭ ގޮތުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގައި މިއަދު ތަގުރީރު ކުރައްވާނެއެވެ.