ތިމާވެށި ހިމާޔަތްކުރަން އުފައްދާފައިވާ، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ބާއްވާ ކޮރަލް ފެސްޓިވަލް ފަށައިފިއެވެ.
ކ. ތުލުސްދޫގައި ފެށި މި ފެސްޓިވަލަކީ ކޮރަލް އިންސްޓިޓިއުޓުގެ މަސައްކަތުގެ މަގު ޗާޓު އެކުލަވާލުމަށް ބޭއްވި ވޯކްޝޮޕަށް ފަހު، ބާއްވާ ހާއްސަ ހަރަކާތެކެވެ. މިއަދު ހެނދުނު މި ފެސްޓިވަލް ފައްޓަވައިދެއްވީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮރަލް އިންސްޓިޓިއުޓަކީ އެމަނިކުފާނުގެ ނަން މަތީގައި ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.
ކޮރަޕް ފެސްޓިވަލަކީ އާންމުންނަށް ސުވާލުކުރެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ފެސްޓިވަލުގައި، ވިޔަފާރި ސްޓޯލްތައް ހިމެނޭއިރު، ވަޑާންފޮށީގެ ޑެމޯންސްޓްރޭޝަންތަކެއް ވެސް ފެސްޓިވަލުގެ ތެރެއިން ކުރިއަށްދާނެއެވެ. އަދި ބައިވެރިންނަށް ސްނޯކަލިން އަދި ރާޅާއެޅުމުގެ ފިލާވަޅުތަކުގައި ބައިވެރިވުމުގެ ފުތުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މި ފެސްޓިވަލުގައި ހިމެނޭ ބައެއް ސްޓޯލްތަކުން ކުރެހުމާއި، ޕްރިންޓްމޭކިންގައި ބައިވެރިވެވޭނެއެވެ.
މި ހަރަކާތުގައި އާންމުންގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ތަފާތު އެކި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެއް ދުވަހަށް ކުރިއަށްގެންދާ މި ފެސްޓިވަލަކީ ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ.
ފަރުތަކާއި މުރަކަތައް ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއްދީގެން އުފައްދާފައިވާ ކޮރަލް އިންސްޓިޓިއުޓުގެ މަގުސަދަކީ، ދެމެހެއްޓެނިވި މުސްތަގުބަލަކަށް ރާއްޖޭގެ ފަރުތަކާއި މުރަކަތައް އާލާކޮށް ރައްކާތެރިކުރާނެ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމެވެ.