ޚަބަރު

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ނެޝަނަލް އެކްޝަން ޕްލޭން، ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި

އައިދާ އަބްދުލް ހަކީމް

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭގޮތުން ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ނޭޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން މި ޕްލޭނާ ބެހޭ މައުލޫމާތު، ސްޓިއަރިން ކޮމިޓީން ވަޒީރުންނާ ހިއްސާކުރެއްވި ކަމަށެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީންނެވެ.

އަލަށް އެކުލަވާލި ނޭޝަނަލް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ފިޔަވަޅުތައް އަވަހަށް އެޅުމުގެ މުހިއްމުކަން އެ ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭނުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ. އެގޮތުން، މި އެކްޝަން ޕްލޭން ހިނގާނެ މުއްދަތު ކަމަށް ކަނޑައަޅާފައިވަނީ އަންނަ މަހުގެ 30 އިން ފެށިގެން 2022ގެ ޑިސެމްބަރު 31އާ ދޭތެރޭގައެވެ.

ރައީސް އޮފީހުން ބުނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކުރުން ހިމެނޭ ކަމަށެވެ. އަދި ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ގާނޫނަށް އިސްލާހު ގެނައުމާއި، ސްޓިއަރިން ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ގާއިމުކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް އަލުން ގާއިމުކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓާ ކުރުން އިތުރުކުރުމާއި، ތަހުގީގުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ އަދަދު އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް، ޓްރެފިކިންއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުމާއި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އދ. އިން ފާހަގަކުރާ ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕަރސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިން ކޮމިޓީން އިސްނަގައިގެން ރާއްޖޭގައިވެސް ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.