ޚަބަރު

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އައިދާ އަބްދުލް ހަކީމް

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭ މަސައްކަތް ނިންމަން ޖެހެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 7،612،602.00 ރުފިޔާ އަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މިއަދު ހަވާލު ކުރި މި މަޝްރޫއުގެ ދަށުން އިރުމަތީ ފަރާތު ޖެޓީ ކައިރިން 180 މީޓަރުގެ ގޮނޑު ދޮށް ހިމާޔަތް ކުރާނެ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުން ކުރެވޭނީ ޖީއޯ ބޭގް ރިވެޓްމަންޓް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ފޮއްދޫއަށް ވެސް ވަނީ ކުރިމަތި ވެފައެވެ. އެގޮތުން އިރުވައި މޫސުމުގައި ރަށް ގިރުމުގެ ސަބަބުން އެރަށަށް އަރައި ފޭބުމަށް ބޭނުންކުރާ ފާލަން ވަނީ ރަށާއި ވަކިވެފައެވެ.