ޚަބަރު

އަޑުއިވުމުގެ ދަތިތައް ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފި

އަލީ ޔާމިން

އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްކަށް ނުވަތަ އަޑުއިވުމުގެ ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފިއެވެ.

މި ޗެނަލް ތައާރަފުކޮށްފައި ވަނީ މިއަދު ޑެފް އެސޯސިއޭޝަން އާއި އުރީދޫ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ޗެނަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، ޑެފް އެސޯސިއޭޝަނާއި އުރީދޫ ގުޅިގެން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ. އެގޮތުން ވައިބާ ވީޑިއޯ ކޯލް މެދުވެރިކޮށް ޑެފް ބޭފުޅުންނަށް ފަސޭހަކަމާއެކު އުރީދޫގެ ކަސްޓަމާ ކެއާގެ ހިދުމަތް ލިބޭނެ މަގު މިއަދު ފަހިވެގެން ގޮސްފައިވާ ކަމަށް ނޫރާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޑެފް އެސޯސިއޭޝަނާ އެކު ކުރި މަޝްވަރާތަކުގެ މަތިން ދެންމެ ލޯންޗު ކުރެވިގެން މިދިޔައީ ވައިބާ ވީޑިއޯ ކޯލް މެދުވެރިކޮށް ޑެފް ބޭފުޅުންނަށް ކަސްޓަމާ ކެއާގެ ހިދުމަތް ފޯރުކޮށްލަދޭ ޗެނަލެއް" ނޫރާ ވިދާޅުވިއެވެ.

ނޫރާ ވިދާޅުވީ، ވައިބާ މެދުވެރިކޮށް 9611929 އަށް ގުޅުއްވަގެއިން ސައިން ލެންގުއޭޖް މެދުވެރިކޮށް އުރީދޫގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށެވެ. އެ ހިދުމަތް ތައާރަފ ކުރުމުގެ ގޮތުން އުރީދޫން ވަނީ އެކުންފުނީގެ 15 މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ނޫރާ ވިދާޅުވީ، ޑެފް ބޭފުޅުންނަށް ހާއްސަކޮށްގެން އުރީދޫ ޕޯސްޓްޕެއިޑް "އެކު" ޕްލޭންތަކުގައި ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފައިވާ ކަމުގައެވެ. އެގޮތުން އެކުގެ ހުރިހާ ޕްލޭންތަކަށް ވައިބާ އަދި ވަޓްސްއަޕް ހިލޭ ބޭނުން ކުރެވޭނެ ކަމަށް ނޫރާ ވިދާޅުވިއެވެ.

ޑެފް އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ ފިނޭންސް ޑިރެކްޓަރު ސައީދު އަތުހަރު ވިދާޅުވީ، ޑެފް އެސޯސިއޭޝަންއިން އިންތިޒާމުކުރާ ކަންކަމުގައި އުރީދޫގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އަދި މިއަދު ތައާރަފު ކުރެވިގެން ދިޔަ ޗެނަލްގެ ސަބަބުން އުރީދޫގެ ހިދުމަތް ހޯދުމަށް ޑެފް ބޭފުޅުންނަށް ފަސޭހަވެގެންދާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.