ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގަންނަވާ އިވެންޓުތައް ހިލޭ ލައިވްކޮށްދިނުމަށް ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ އިސްވެރިން ރަސްމީ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ޖަލްސާ ފަދަ އިވެންޓުތައް ޕީއެސްއެމުން ހިލޭ ލައިވް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިހާރުވެސް ޕީއެސްއެމުން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާ ރަސްމީ ޖަލްސާތައް ލައިވް ކުރެއެވެ. އަދި މީގެ ކުރިންވެސް ޕީއެސްއެމުން ވަނީ މަޖިލީހުގެ އިތުރުން ޖުޑިޝަރީގެ ބޮޑެތި ރަސްމިއްޔާތުތައް ލައިވް ކޮށްފައެވެ.
ކުރީ ސަރުކާރުގައި ޕީއެސްއެމް ހިންގާފައިވަނީ ވެރިކަން ކުރާ ޕާޓީގެ އިތުރުން އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޕްރޮމޯޓުކުރުމަށް ކަމަށް މިހާރު ސަރުކާރުގެ އެކި އިސްމަގާމުތަކުގައި ތިއްބެވި ފަރާތްތައް ވަނީ އެކި ފަހަރު މަތިން ތުހުމަތުކޮށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އަދި މިހާރުވެސް ކުރިއެކޭ އެއްފަދައިން ޕީއެސްއެމުން ވެރިކަން ކުރާ ޕާޓީއަށް އިސްކަންދޭ ކަމަށް ބުނެ ކުރިމަތިކުރުވާ ފާޑުކިޔުންތަކަށް ރައްދުދެމުން ޕީއެސްއެމުން ވަނީ ހުރިހާ ޕާޓީއަކަށްވެސް ވިޔަފާރި އުސޫލުން އެ ޕާޓީތަކުގެ އިވެންޓުތައް ލައިވް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.