މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ (ރާޅު މަރިޔަބު) ކެފޭއެއްގެ ތެރޭގައި ލަވަކިޔަނިކޮށް މީހަކު އައިސް އޭނާގެ މައިކު ޖަހައިގަނެ، ހުރަސް އަޅައިފިއެވެ.
މިކަން ހިނގާފައިވަނީ މާފަންނުގައި ހުންނަ ކޮފީ ސްޓޭޓްގައި ރޭ މައިޝާ ލަވަ ހުށަހަޅައިދޭން އިންދައެވެ. އެ ހާދިސާގެ ވީޑިއޯއެއް މައިޝާ ވަނީ ޓުވިޓާއާ ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ މައިޝާ ލަވަކިޔަމުންދަނިކޮށް މީހަކު އައިސް މައިކް އަނބުރާލައި ހުއްޓުވާތަނެވެ.
މައިޝާ ބުނި ގޮތުގައި، އެކަން ކުރީ ލަވަކިޔާތީ އުދަނގޫވެގެން ކެފޭ ކައިރީގައި އުޅޭ އަވަށްޓެރިއެއް ކަމަށެވެ. އަދި އެމީހާ އެގޮތަށް ކަންތައް ކުރުމުން ކެފޭގައި އޭރު ތިބި މީހުން އެކަމާ ދެކޮޅަށް ތެދުވެ މައީޝާއަށް ސްޕޯޓްދިނުމުން އެ އެންމެންނަށް މައިޝާ ވަނީ ޝުކުރު އަދާކޮށްފައެވެ.
އެ ހާދިސާއާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަވަކިޔުންތެރިޔަކު ލަވަކިޔަން ހުއްޓައި އެކަން ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ގާނޫނުއަސާސީއާ ހިލާފުނުވާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. އަދި މައިޝާއަށް މަހުލޫފު ވަނީ ހިތްވަރު ދެއްވައިފައެވެ.
ރޭގެ އެ ހާދިސާއާ ގުޅިގެން ފުލުހުން ވެސް ކެފޭއަށް އައިސް، ސުލްހަކުރަން މަސައްކަތްކުރިއެވެ. ކޮފީ ސްޓޭޓަކީ އާންމުކޮށް ކޮންމެ ހަފްތާއެއްގައި ވެސް ލައިވް ޝޯތަކެއް ބާއްވާ ތަނެކެވެ.