އަލީ ޔާމިން
ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތް ގޮތުން، ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، ކުރި ހުކުމުގަ އެވެ. އެ ހުކުމްގައި ވަނީ، ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތްގޮތުން، ސިއްރުން ހެކިބަސް ނެގުމުގެ ބާރު ކޯޓުތަކަށް ލިބޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށާއި، ނަމަވެސް ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓުން ގާނޫނު މާނަކުރި ގޮތް ރަނގަޅު ނޫން ކަމަށް ބުނެއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ އިއްޔެއެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ބުނާ ގޮތުން، ސިއްރު ހެކި ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. ނަމަވެސް، 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނޯވެއެވެ.
ގާނޫނު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.