މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގައި ހިނެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު (މައިނޯރިޓީ ލީޑަރު) ޖަވާބު ދެއްވުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޮންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން އިއްޔެ ކުރިއަށް ގެންދަން ހަމަޖެހިފައި އޮން ނަމަވެސް، މިހާރު އެކަން އިންތިޒާމު ކޮށްފައި ވަނީ މާދަމާގެ ޖަލްސާއަށް ކަމަށެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސީ ބަޔާނަށް ދޭ ޖަވާބު އިއުލާން ކުރާނީ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން ފިޔަވައި މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ހިޔާލާއި ފިކުރު ހިމަނައިގެންނެވެ. އެ ގޮތަށް މެންބަރުންގެ ހިޔާލާއި ފިކުރު ހޯއްދަވައިގެން، ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު ތައްޔާރު ކުރެއްވުމުގެ އިންތިޒާމު މިދިޔަ ހަފުތާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވަނީ ހަމަޖއްސަވައި ދެއްވައިފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް ކަމަށާއި، އެދުވަހުގެ ޖަލްސާގައި ދިމާވެދާނެ އެއްގޮތަކީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 65 މެންބަރުންގެ ނަން އިއްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދެވުން ކަަމަށެވެ.
އެހެންކަމުން ހުރިހާ ބޭފުޅުން ވިސްނާވަޑައިގަތުމަށާއި، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް ވާދަވެރި ފަރާތްތަކުން ހުށަހަޅާ ބަޔާން އޮންނާނީ ވަކި ތަޖުވީދަކަށް ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.