ޚަބަރު

ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ވިއުގައެއް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް އިމިގްރޭޝަނުން ފަރުމާކޮށްފައިވާ ވިއުގައެއް (ސިސްޓަމެއް) ތައާރަފުކޮށްފިއެވެ.

މި ސިސްޓަމް ރަސްމީކޮށް އިފުތިތާހުކޮށްފައިވަނީ މި ކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. މިއަދު އިފްތިތާހު ކުރި މި ސިސްޓަމަކީ ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަތަކަށް ހައްލު ގެނައުމުގައި އެހީތެރިވެދޭނެ ސިސްޓަމެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ހުރިހާ އަތޮޅު އަދި ރަށު ކައުންސިލްތަކަށް މި ސިސްޓަމަށް ވަދެވޭނެ އެވެ. އަދި މި ސިސްޓަމްގެ އެހީގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އެއް ރަށުން އަނެއް ރަށަށް ހިޖުރަ ކުރާއިރު އެމީހުންގެ ހަރަކާތްތައް ދެނެގަނެވޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. ކޮންމެ ރަށެއްގައިވެސް ދިރިއުޅެމުން އަންނަ ބިދޭސީންގެ އާބާދީ މި ސިސްޓަމްގެ އެހީއާއެކު ފަސޭހައިން ދެނެގަނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ސިސްޓަމްގެ ތައާރަފުކުރުމުން ރަށަކަށް ދާ ކޮންމެ ބިދޭސީއެއް ކައުންސިލްގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ކައުންސިލްގައި ބިދޭސީ މީހާ ރަޖިސްޓްރީ ވުމުން އެމީހަކީ ގަވައިދާ ހިލާފަށް ނުވަތަ ގަވައިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހެއްތޯ ބަލަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ފާހަގަ ކުރިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ސިސްޓަމް ފަރުމާކޮށްފައިވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަދި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ފާހަގަ ކުރެވޭނެ ގޮތަށެވެ.

އިމިގްރޭޝަންގެ މި ސިސްޓަމާއެކު މުޅި ރާއްޖޭގައިވެސް އަލަށް ބަޔޯމެޓްރިކްސް ޓެކްނޮލޮޖީ ބޭނުން ކުރަން ފަށާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ. ބަޔޯމެޓްރިކްސް ޓެކްނޮލޮޖީ އަކީ މީހެއްގެ ޝަހުސު ދެނެގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރާ ޓެކްނޮލޮޖީއެކެވެ. އެގޮތުން މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބިދޭސީންގެ ފޮޓޯ އަދި ފިންގާ ޕްރިންޓްގެ އެހީގައި އެމީހެއްގެ ޝަހުސު ދެނެގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއަދު އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން، (ހަނަފީ) ވިދާޅުވީ މި ސިސްޓަމް ތައްޔާރުކޮށްފައިވަނީ އިމިގްރޭޝަންގެ ސިސްޓަމާއި ގުޅުވައިގެން ކަމަށެވެ.