ޚަބަރު

މިނިވަން 50 ދެ ސަރުކާރުން ހޭވުމުން ވެސް ފެނުނީ، "ހުދު ވަލެއް" ދެން ވެސް ފެންނާނީ ހުދުވާ: އުމަރު ނަސީރު

އަލީ ޔާމިން

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ހިންގި މިނިވަން 50ގެ ހަރަކާތްތައް ކޮރަޕްޝަނާ ގުޅުވައި އޭނާ މަޅިއެއްގައި ބެއްދޭތޯ ރައީސް ޔާމީންގެ ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައި ހޭވުމުން ވެސް ފެނުނީ "ހުދު ވަލެއް" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ހުދު ވަލުން މިސާލު ޖައްސަވަނީ އޭނާގެ ފަސްބައި ސާފުކަން އަންގައިދިނުމުގެ ގޮތުންނެވެ.

މަގާމުގައި ހުންނެވި އިރު ކޮރަޕްޝަންގެ އަމަލެއްގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށް އުމަރު މި ވިދާޅުވީ، މިނިވަން 50އާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހުށަހެޅި 87 މައްސަލައިގެ ތެރެއިން އަދިވެސް ބައެއް މައްސަލަތައް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނުމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެ ބުނުމަށް ރައްދުދެއްވައި އުމަރު ވިދާޅުވީ، މިނިވަން 50ގެ އެއްވެސް ކަމެއްގައި ކޮރަޕްޝަން ނުހިމެނޭނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގި ނަމަ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހެއްކެއް ފެނި، ދައުވާކޮށް މިހާރު އޮންނާނީ ހުކުމާ ހަމައިގައި ކަމަށެވެ.

"އަޅުގަނޑުގެ ގައިގައި ހިފޭވަރުގެ ކަމެއް އޮތްތޯ ދެ ސަރުކާރުން ބަލައި ހާވައިފި. ފެނުނީ ހަމަ ހުދު ވަލެއް. އިތުރަށް ހޭވިޔަސް ފެންނާނީ ހުދު ވާ،" އުމަރު ވިދާޅުވި އެވެ. އަދި މިނިވަން 50ގެ އެއްވެސް ހަރަކާތެއް ހިންގުމަށް އާއިލީ މަސްލަހަތު އޮންނަ އެއްވެސް ކުންފުންޏަކަށް ދީފައި ނުވާނެ ކަމުގައި އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކުންފުންޏެއް، އަންބެއް، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ދީފައެއް ނޯންނާނެ. މަސައްކަތްތައް ހަވާލުކުރީ އެންމެ ގާބިލު ފަރާތްތަކާ. ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމައި މުޅި ރާއްޖެ ފަހުރުވެރިވާ ވަރުގެ އީދަކަށް މިނިވަން 50 ހެދިން." އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، މިނިވަން 50ގެ ހުރިހާ މަސައްކަތެއް ކުރީ އޭސީސީ އާއި އޮޑިޓް އޮފީހުގެ ހުއްދައާ އެކު އެ ދެ މުއައްސަސާގެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށާއި އެކަމުގައި ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށެވެ.

އުމަރު މިހެން ވިދާޅުވި ނަމަވެސް ފިނޭންސުން ލިޔުމުން ހޯދި ހުއްދައާ ހިލާފަށް ހޯމް މިނިސްޓްރީން ބައެއް މަސައްކަތްތަކަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރެފައިވާ ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެއެވެ.