ޚަބަރު

ސިކުނޑިއަށް ލޭ ފޮނުވާ ހޮޅިތަކުގައި އުފެދޭ އެނިއުރިޒަމް ބެއްދުމުގެ އޮޕަރޭޝަނެއް ކޮށް، އޭޑީކޭއިން ތާރީހުގެ ތެރެއަށް

އަލީ ޔާމިން

ސިކުނޑިއަށް ލޭ ފޮނުވާ ހޮޅިތަކުގައި އުފެދޭ އެނިއުރިޒަމް ބައްދައި، އެ ބޮޑުވިޔަ ނުދިނުމުގެ ކާމިޔާބު އޮޕަރޭޝަންތަކެއް ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލްގައި ކޮށްފި އެވެ.

މިއީ ރާއްޖޭގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ މިދިޔަ ތިން ދުވަސް ތެރޭގައި އެފަދަ ހަތް އޮޕަރޭޝަނެއް ކޮށްފައެވެ.

އެނިއުރިޒަމް އަކީ ސިކުނޑިއަށް ލޭ ފޮނުވާ ބައެއް ނާރުތަކުގައި އުފެދޭ ކުޑަކުޑަ ކޮތަޅެއް ކަހަލަ އެއްޗެކެވެ. އެތަނަށް ލޭ އެޅި ބޮޑުވެ، ގިނަ ފަހަރަށް ނާރު ފަޅައިގެންގޮސް ސްޓްރޯކް ޖެހުމާ، ޕެރަލައިޒްވުމުގެ ފުރުސަތު ބޮޑުވެއެވެ. އެ ފަދަ ހާލަތްތަކުގައި މީހާގެ ފުރާނައަށްވެސް ނުރައްކާ ވެއެވެ.

އޭޑީކޭގެ ކެތު ލެބުގައި އަލަށް ފެށި މި ހިދުމަތަކީ އެނިއުރިޒަމް ގޯސް ނުވަނީސް، ނުވަތަ ފަޅައިގެން ނުދަނީސް އޮޕަރޭޝަން ކޮށްގެން އޭގެ ތެރެއަށް ކޮއިލް ލައްވައި ފުރައިލަދޭ އޮޕަރޭޝަނެކެވެ. އޭރުން އެނިއުރިޒަމް ތެރެއަށް ލޭ އެޅި ބޮޑެއް ނުވާނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކުރީވެސް އޭޑީކޭގަ އެވެ.