17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮން ބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މި މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު 9:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށަކުން ރިޕޯޓުކޮށްފައި ވަނީ އިއްޔެ 21:20 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރުމަށް އެދިފައެވެ.